ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީ ކިއު ސަރަހައްދުގައި ދެ ބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި ހަމަނުޖެހުން ހިނގާފައިވަނީ 2026 ޖެނުއަރީ 9 ވީ ބުރާސްފަތި ދުވަހުގެ ރޭ ދެބައިކުޅަ އެއްބައި (12:15) އެހާކަންހާއިރުއެވެ. މި މައްސަލައިގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސްްރީލަންކާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެއީ ތިލަކް ސޯމަޗަންދްރަ މަޑެތަލަވޭ ކަންކަނަމަލަގޭ (43އ) އާއި ޕްރިޔަންތަ ސިލްވާ ދެވަނިއްތިގޭ (46އ) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ 2026 ޖެނުއަރީ 18 ވަނަ ދުވަހުއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މި މުއްދަތުގައި އެމީހުން ބައިތިއްބަން ޖެހޭނީ ފުލުހުންގެ ބަންދުގައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ވީއައިއޭ ޓެކްސީ ކިއު ސަރަހައްދުގައި ހިނގި މި މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!