ވެރިކަން ލިބޭ ކޮންމެ ބަޔަކު، ވެރިކަމުގައި ތާ އަބަދު ތިބުމަށްޓަކައި މަސައްކަތް ފަށައިފި ނަމަ، އޭގެ ނުރަނގަޅު އަސަރު ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން ގައުމުގެ ހަމަޖެހުން ގެއްލި، އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށެވެ.
ފައިސަލް ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ދަހިވެތިކަމުގައި ގައުމާއި ރައްޔިތުން ފުން ވަޅުގަނޑަކަށް ވައްޓާލުމަކީ ގައުމަށް އުފާވެރިކަން ހޯދައިދިނުމެއް ނޫނެވެ. އަދި މިހާރުވެސް އެފަދަ ކަންކަމުގެ ނޭދެވޭ އަސަރުތައް އިހުސާސް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ފައިސަލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ އަރިހުން އިލްތިމާސްތަކެއް ކުރަށްވާފައެވެ. މިގޮތުން ފައިސަލް ކުރެއްވި އިލްތިމާސްތަކަކީ،
ދައުލަތުގެ ބާރުތަކާއި މުއައްސަސާތަކުގެ މިނިވަންކަން
ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަމާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މުސްތަގިއްލުކަން ވަކި ބާރެއްގެ ގޮތުގައި އޮތުން މުހިންމު ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމަކީ މަޖިލީހުން މިނިވަންކަމާއެކު ކުރާ ކަމެއްގެ ގޮތުގައި ބޭއްވުމަށާއި، ޖުޑިޝަރީ އިސްލާހުކުރުމަށްޓަކައި ޖޭއެސްސީގައި ސިޔާސީ މީހުން ތިބޭ ތިބުން ނިމުމަކަށް ގެނައުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
އިންސާފުވެރިކަމާއެކު މަގާމުތައް ދިނުމާއި ތަރައްގީގެ މަޝްރޫއުތައް
ދައުލަތުގެ މަގާމުތައް ދިނުމުގައި ވަކި އާއިލާއަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމުގެ ބަދަލުގައި، ތައުލީމާއި ތަޖުރިބާއަށް އިސްކަންދީގެން އިންސާފުވެރިކަމާއެކު އެކަން ކުރިއަށް ގެންދިއުމަށް ފައިސަލް ބާރުއެޅުއްވިއެވެ. މީގެ އިތުރުން، ގައުމީ ތަރައްގީގެ މަޝްރޫއުތައް ދުވާލަކު ގޮތަކަށް ބަދަލުނުކޮށް، ދިގު ރާސްތާއަށް އަމާޒުކޮށްގެން ރޭވުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
އިގްތިސާދީ ފުދުންތެރިކަމާއި ވަޒީފާގެ ފުރުސަތުތައް
ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، ބޭރު މީހުން އަދާކުރާ ބޮޑެތި އާމްދަނީ ލިބޭ މަގާމުތައް ދިވެހިންނަށް ލިބޭނެ ގޮތް އިންތިޒާމުކުރުމަށް ފައިސަލް އެދިލެއްވިއެވެ. އަދި ބޭރުގެ ފަރާތްތަކަށް ބަދަލުވެގެންދާ ވިޔަފާރިތައް ދިވެހިންގެ އަތްމައްޗަށް އަންނާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަށާއި، ރާއްޖޭގެ ސަރަހައްދީ ތަރައްގީއަށް އިސްކަންދީ ސިއްހީ އަދި ތައުލީމީ ފުރުސަތުތައް އަވަހަށް ފަހިކޮށްދިނުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ފައިސަލްގެ ޕޯސްޓްގައި ވަނީ ގާނޫނުއަސާސީއަށް ކުއްލި ބަދަލުތައް ގެނައުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.
"ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ އެހާ ފަސޭހައިން ކުރެވޭ ކަމެއްގެ ގޮތުގައި އޮތް އޮތުމާ މެދު ވިސްނައި، ގައުމަށް މިއަށްވުރެ ރަނގަޅު ގޮތެއް ހޯދަންޖެހޭ" ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ތާއީދު ނުކުރަށްވާކަން ހާމަކުރަށްވަމުން ކުރެއްވި މި ޕޯސްޓްގައި ފައިސަލް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!