އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތުން މިހާތަނަށް ޖުމްލަ 282.1 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، މި ޚިދުމަތުން ޓެކުހުގެ ގޮތުގައި އެކަނިވެސް ދައުލަތަށް 24 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ސަރުކާރުން ފަށާފައިވާ ވަރަށް މުހިންމު މަޝްރޫއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ބަންކަރިން ޚިދުމަތުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި ޚިދުމަތް ހޯދާ އުޅަނދުފަހަރުގެ ތެރެއިން 76 އިންސައްތައަކީ ރާއްޖެއަށް މުޅިން އަލަށް ޒިޔާރަތްކުރާ އުޅަނދުފަހަރު ކަމަށެވެ. މިއީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.
އާމްދަނީއަށް އަންނަ ކުރިއެރުމާ ގުޅޭގޮތުން ސައީދު ވިދާޅުވީ، މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް އާމްދަނީއަށް ގާތްގަނޑަކަށް 90 މިލިޔަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފޯރުކޮށްދޭ ބަންކަރިންގެ ޚިދުމަތުން މިއަހަރުގެ މެއި މަހާއި ހަމައަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ވަނީ އެ މަހު ބުނެފައެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ 19 ސެޕްޓެމްބަރު 2024 ގައި ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!