ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ އެކި ކުންފުނިތަކުގެ އަތުން އޮޅުވާލައިގެން މުދާ ހޯދި ހުސައިން ޝިފާއު 109 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. އެއީ މަކަރާއި ހީލަތް ހެދުމާއި މަނީލޯންޑްރިންގެ އިތުރުން ސައްހަ ނޫންލިޔުމެއް ދިނުމުގެ ދައުވާތަކެވެ.
އެ ހުރިހާ ދައުވާތަކުގެ އަދަބު ކްރިމިނަލް ކޯޓުން މިއަދު ކަނޑައެޅިއިރު 109 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން ވެސް ވަނީ ހުކުމްކޮށްފަ އެވެ. އަދި އޭނާ އޮޅުވާލައިގެން ހޯދި މުދަލުގެ ބަދަލު ހަ މަސް ތެރޭގައި ދޭން އެންގި އެވެ.
އެ މައްސަލާގައި ޝިފާއު ހައްޔަރު ކުރުމަށް ފަހު 2023 ވަނަ އަހަރު ބަންދުން ދޫކޮށްލުމުން އޭނާ ރާއްޖެ އިން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން އިންޓަޕޯލް މެދުވެރިކޮށް އޭނާ ހައްޔަރުކުރަން ރެޑް ނޯޓިސް ނެރުމުން އޭނާ އެނބުރި ރާއްޖެ އައުމާއެކު އަލުން ހައްޔަރުކުރި އެވެ.
ޝިފާއުގެ މައްސަލަ ކޯޓުގައި އޮއްވާ އޭނާއަށް މި ސަރުކާރުގައި ސިޔާސީ މަގާމަކަށް އައްޔަންކުރި އެވެ. ނަމަވެސް އެ މައްސަލަ ފެންމަތިވުމުން އޭނާ އެ މަގާމުން ވަކިކުރި އެވެ. އަދި އޭނާގެ ޝިފާއުގެ އަދަބު ލުއިކުރަން ދައުލަތުން އޭނާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހެދި ނަމަވެސް އެ އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!