އެހެން މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއްގައި 33 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަޙްމަދު ޙައްސާން ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ ވައިބަރ އެކައުންޓެއް މެދުވެރިކޮށް 150,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހީލަތުން ހޯދިކަމުގެ ތުހުމަތުގައެވެ.

Ad
rt

ފުލުހުން ހާމަކުރާ ގޮތުގައި، މި މައްސަލައިގައި ޖުމްލަ 150,300 ރުފިޔާ މަކަރަށް ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އޭގެ ތެރެއިން 75,000 ރުފިޔާ ވަނީ ނަގާފައެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ފައިސާ ހޯދާފައިވަނީ އެކައުންޓްގެ ވެރިފަރާތަށް ނޭނގި، އެމީހާގެ ނަމުގައި މީސްމީހުންގެ އަތުންނެވެ.

ހައްޔަރުކުރި އަޙްމަދު ޙައްސާން ކޯޓަށް ހާޒިރުކުރުމުން، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާތީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސްކޭމްގެ މައްސަލަތަކަށް ސަމާލުވުން

މިފަދަ ކުށްތައް އިތުރުވަމުންދާތީ، ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ އާންމުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، އޯޓީޕީ ހޯދައިގެން އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތައް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ފުލުހުން ފާހަގަކުރެއެވެ. މިދިޔަ މަހުގެ ނިޔަލަށް އެކަނިވެސް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާއިރު، މި މައްސަލަތަކުގައި ޖުމްލަ 1 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ (1,051,290.33 ރުފިޔާ) ވަނީ ފޭރިގަނެފައެވެ.

ސްކޭމް ކޯލެއް އަތުވެއްޖެނަމަ އެއްވެސް ވާހަކައެއް ނުދައްކާ ފޯން ކަނޑާލުމަށްފަހު އެ ނަންބަރު ބްލޮކްކުރުމަށް ފުލުހުން އިރުޝާދުދެމުން އަންނައިރު، އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ފޯނަށް އަންނަ އޯޓީޕީ (One-Time Password) އެއްވެސް ހާލަތެއްގައި އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އަމިއްލަ މައުލޫމާތާއި ފައިސާގެ މުޢާމަލާތްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.