މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އޮޅުވާލައިގެން، ޙައްޖަށް ދިޔުމުގެ ޖާގަ ކަށަވަރުކޮށްދޭނެކަމަށް ބުނެ އިތުރު ފައިސާ ހޯދުމަށް އާންމުންގެ ފޯނުތަކަށް މެސެޖުތައް ފޮނުވަމުންދާތީވެ މިފަދަ މަކަރާއި ހީލަތުގެ މެސެޖުތަކަށް ސަމާލުވުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ އާންމުންނަށް އިލްތިމާސްކޮފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޙައްޖަށް ދިޔުމަށް އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުކުރަމުންދާކަން މި ކޯޕަރޭޝަނަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، މިފަދަ މެސެޖުތަކަށް އެއްވެސް ފަރާތަކުން އިޖާބަ ނުދިނުމަށް ވަނީ އިލްތިމާސްކޮފައެވެ.

Ad
rt

އެ ކޯޕަރޭޝަނުން ބުނެފައިވަނީ، ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެއްވެސް ފައިސާއެއް ނުނަގާނެކަމަށެވެ.

ޙައްޖު ދަތުރާ ގުޅޭގޮތުން އިތުރު ފައިސާ ދެއްކުމަށް އެދި ފޮނުވާ މެސެޖުތަކަކީ ދޮގު މެސެޖުތަކެއް ކަމުގައި އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ޙައްޖު ކޯޕަރޭޝަނުން ވަނީ އިސްލާމްދީނުގެ މާތް އަޅުކަމަކާ ގުޅުވައި މަަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންމިދާ ކަންކަމަކީ އެކޯޕަރޭޝަނުން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއްކަމުގައި ފާހަގަކޮށް، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، މަކަރާއި ޙީލަތުން ފައިސާ ހޯދުމަށް ފޮނުވާ މިފަދަ މެސެޖުތަކާއި، ކުރާ ފޯނުކޯލުތަކަށް ސަމާލުވުމަށް އެންމެހާ ބޭފުޅުންގެ ސަމާލުކަމަށް ކޯޕަރޭޝަނުން ވަނީ ދަންނަވާފައެވެ.