އިހަވަންދޫގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަަސްކޮށް ހާފިޡުކަމުގެ ސަނަދު ހާސިލުކުރި، މަރްޔަމް ރައްޔާ އަޙްމަދު، (20 އަހަރު) ނޫތަރި، އެ ރަށަށް ހޯދައިދިން ޝަރަފާއި ފަޚްރުގެ އަގު ރޭ ވަޒަންކޮށްފިއެވެ.

ރައްޔާގެ މަތިވެރި މި މާތް ކާމިޔާބީގެ އަގުވަޒަންކުރުން އޮތީ އިހަވަންދޫ ކައުންސިލުން ހއ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި "ރަސްތަރި ޤުރްއާން މުބާރާތް 2025"ގެ ނިންމުމަށް ރޭ އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

Ad
rt

އިހަވަންދޫ ދަރިއެއް ފުރަތަމަ ފަހަރަށް ކީރިތި ޤުރްއާން ހިފްޒުކޮށް އެއްވަނަ ދަރަޖައިގައި ހާފިޒުކަމުގެ ސަނަދު ހާސިލްކޮށް، އިހަވަންދޫ އަށް ހޯދައިދިން ޝަރަފާއި ފަޚުރުގެ ވަޒަންކުރުމުގެ ގޮތުން ކައުންސިލުން ދިން ރަންތާޖާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، އެރަށުގެ ހެޔޮ އެދޭ ދެ ފަރާތަކުން ދިން އިނާމް ވެސް ރޭ ވަނީ ރައްޔާ އާއި ހަވާލުކޮށްފައެވެ.

ރައްޔާ އިހަވަންދޫ އަށް ހޯދައިދިން ފަޚްރުގެ އަގު ވަޒަންކުރުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ރަންތާޖާއި އިނާމްތައް ހަވާލުކޮށްދެއްވީ، ރޭގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެޚްމާން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. މި ޝަރަފް ރައްޔާ އާއި ހަވާލުކުރުމުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙާއި އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ރަޝީދާ ހަސަން ވަނީ ބައިވެރިވެފައެވެ.

ރައްޔާ އިހަވަންދޫ އަށް ހޯދައިދިން ފަޚްރުގެ އަގު ވަޒަންކުރުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރައްޔާ އަށް ކައުންސިލުން ވަނީ ރަން ތާޖުގެ އިތުރުން 50،000 ރުފިޔާގެ އިނާމެއް ދީފައެވެ. އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ޓްރޮފީ އަކާއި 10،000 ރުފިޔާގެ އިނާމެއް ދީފައެވެ. އަދި ހެޔޮއެދޭ ފަރާތަކުން 50،000 ރުފިޔާއާއި، އެހެން ފަރާތަކުން 5،000 ރުފިޔާގެ އިނާމު ދީފަވެއެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން ޢާންމުކުރި މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ ޙާފިޒުންގެ ޖުމުލަ އަދަދު 284 އަށް ވަނީ އަރާފައެވެ. މި ލިސްޓަށް ރައްޔާ އިތުރުވުމާއެކު މި ޢަދަދު 285 އަށް ވަނީ މިހާރު އަރާފައެވެ.