ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ނ. އަތޮޅާއި ރ. އަތޮޅާއި ދެމެދު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީ ޚިދުމަތް ރަސްމީކޮށް ފެށުމަށް ނިންމައިފި އެވެ.

މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ 30 ނޮވެމްބަރ 2025 ވަނަ ދުވަހުއެވެ. މިގޮތުން، މި ދެ އަތޮޅު އާރްޓީއެލްގެ ވިއުގައިން ގުޅުވާލުމަށް ކަނޑައަޅާފައިވާ ދެ ރަށަކީ ނ. މަނަދޫއާއި ރ. އުނގޫފާރެވެ. މި ޚިދުމަތް ފެށިގެން ދިއުމާއެކު، މިދެއަތޮޅުގެ ރައްޔިތުންނަށް އިޤްތިސާދީ އަދި އިޖުތިމާޢީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

Ad
rt

މި ޚިދުމަތް ދިނުމަށް ބޭނުންކުރާނީ 32 ޕަސިންޖަރުންގެ ޖާގައިގެ ހައި ސްޕީޑް ފެރީއެކެވެ. މީގެ ތެރެއިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގައި ރަޖިސްޓްރީ ވެފައިވާ ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް، ދެ ސީޓު ވަނީ ރިޒާވް ކުރެވިފައެވެ. އަދި މިފަދަ ފަރާތްތަކަށް މި ޚިދުމަތުގައި ހިލޭ ދަތުރުކުރެވޭނެއެވެ.

އާރްޓީއެލް ޚިދުމަތުގެ ޓިކެޓް ބައްލަވައިގަންނަން ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. ޓިކެޓް ބައްލަވައިގަންނަން ޖެހޭނީ ކުންފުނިން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށެވެ. އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ޚިދުމަތުގެ ޝެޑިއުލްތައްވެސް ވެބްސައިޓާއި އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

ނ. އަތޮޅާއި ރ. އަތޮޅު ހިމެނުމާއެކު، އާރްޓީއެލް ޚިދުމަތް މިހާރު ޖުމްލަ 12 އަތޮޅެއްގައި ދެމުން އާދެއެވެ. އެއީ ޒޯން 1 ގެ ހއ.، ހދ.، ށ. އާއި، ޒޯން 2 ގެ ނ.، ރ.، ބ.، ޅ. އާއި، ޒޯން 4 ގެ ތ. އާއި، ޒޯން 5 ގެ ގއ.، ގދ. އަދި ޒޯން 6 ގެ ޏ.، ސ. އަތޮޅެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ލަފާގެ މަތިން ބާކީ 8 އަތޮޅުގައިވެސް އާރްޓީއެލް ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މި ކުންފުނިން ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އާރްޓީއެލްގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމުގައި އެކުންފުނިން ބުނެއެވެ.

• IOS - RTL Travel App
IOS App Link: https://apps.apple.com/in/app/rtl-travel-app/id1605778705

• Android - RTL Travel App
APK App link: https://play.google.com/store/apps/details?id=com.scsoft.maldivesrtl
• Website: https://www.rtl.mv