ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 25،000ރ. ގެ އިނާޔަތެއް ދިނުމާ ގުޅޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މި އިސްލާހަކީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާ ބެހޭ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުތަކެކެވެ. މި ބިލުގެ މަގުސަދަކީ ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދެވޭ އިނާޔަތްތަކަށް ބަދަލު ގެނައުމެވެ.
ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 25،000ރ. ލިބޭނެ އެވެ. އަދި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖައްސައިދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ. ނަމަވެސް، ނައިބު ރައީސްކަން ކޮށްފައިވާ މީހަކު އެ މަގާމުން ވަކިވުމަށްފަހު، އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ދައުލަތުގެ އެއްވެސް މަގާމަކާ ހަވާލުވެއްޖެނަމަ، އެ މަގާމު އަދާކުރަމުންދާ މުއްދަތުގައި މާލީ އިނާޔަތް ދިނުން މެދުކެނޑޭނެ އެވެ. އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން ނައިބު ރައީސްކަމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވީ ހަމައެކަނި ފައިސަލް ނަސީމް އެވެ.
މި އިސްލާހުގެ އެންމެ މުހިންމު ބަދަލުތަކުގެ ތެރޭގައި ކުރީގެ ރައީސުންނަށް ދެމުން އައި ބައެއް އިނާޔަތްތައް އުނިކުރުން ހިމެނެ އެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައު އަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރުމަށްޓަކާ އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި، މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކާ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެ ކަމަށް ބުނާ މާއްދާ އުނިކުރަން ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން ރައީސްކަން ކުރެއްވި ބޭފުޅަކު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ އެ ނޫންވެސް މަޤާމަކަށް އައްޔަން ކުރެވިއްޖެނަމަ، އެ މަގާމެއްގެ މުއްދަތުގައި ޤާނޫނުން އެ ބޭފުޅަކަށް ދޭ އިނާޔަތްތައް މެދުކަނޑާލަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. މިހާރުގެ ޤާނޫނުގައި އިނާޔަތް މެދުކަނޑާލަން ޖެހެނީ ދެވަނަ ދައުރަކަށް އިންތިޚާބުވުމުން އެކަންޏެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން، އެމީހާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދެވޭނެ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.
މި ބިލާއެކު ޚަރަދަށް އަންނާނެ ބަދަލުތަކުގެ އެސްޓިމޭޓެއްވެސް ވަނީ ހުށަހަޅާފަ އެވެ. އެ އެސްޓިމޭޓްގައިވާ ގޮތުން ކުރީގެ ރައީސުންގެ އޮފީސް ހިންގަން ދޭ ފައިސާ އުނިކޮށްފިނަމަ އަންނަ އަހަރު 10،500،000 ރުފިޔާ ޚަރަދު ކުޑަވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން، ގައުމަށް ދިމާވާ އިގްތިސާދީ ތަދުމަޑުކަމަކާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކޮންމެހެން ކުޑަކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި، އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެންވާ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!