ދިވެހިރާއްޖޭގައި ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ޕޭޓަންޓާއިބެހޭ ޤާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަމަށްޓަކައި ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

Ad
rt

މިކަން ހާމަކުރައްވަމުން ވިޔަފާރި އާއި އިގްތިސޯދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ޓްރޭޑްމާކު ބިލް ޤާނޫނަކަށް ވުމާއެކު، ޕޭޓަންޓާއިބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ވާލްޑް އިންޓަލެކްޓުއަލް ޕްރޮޕަޓީގެ އެކްސްޕާޓުންގެ އެހީގައި ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ސައީދު ވިދާޅުވީ، 2026 ވަނަ އަހަރު ރާއްޖޭގައި މުޅީން އަލަށް އިންޓަލެކްޓުއަލް ޕްރޮޕަޓީ އޮފީހެއް (ފިކުރީ މުދަލުގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އޮފީހެއް) އުފެއްދޭނެ ކަމަށެވެ.

މިދިޔަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފިކުރީ މުދަލުގެ ދާއިރާއިން ގިނަ މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާ ކަން ފާހަގަކުރައްވަމުން ވަޒީރު ސައީދު ވިދާޅުވީ، ކޮޕީރައިޓް ޤާނޫނަށް ޒަމާނާ ގުޅޭ އަދި އުފެއްދުންތެރީންނާއި ފަންނުވެރީންގެ ބުރަ މަސައްކަތާއި ޙައްޤުތައް ޙިމާޔަތްކޮށްދޭނެ ބޮޑެތި އިސްލާޙުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ބާން ކޮންވެންޝަނުގައިވެސް ދިވެހިރާއްޖެ މިހާރު ބައިވެރިވެފައިވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތްތަކަކީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ކްރިއޭޓިވް އިންޑަސްޓްރީއެއް ޤާއިމުކޮށްދެއްވާ، އެ އިންޑަސްޓްރީ ކުރިއަށް ގެންގޮސްދެއްވާނެކަމުގެ މުހިއްމު ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދެވޭ ކަންކަމެވެ.

މިހާރު ފެންނަމުން މިދަނީ އެ ވަޢުދުފުޅު ފުއްދެވުމުގައި ޢަމަލީގޮތުން ނަތީޖާ ނެރެދެއްވައި، ހަލުވިކަމާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށް ވަޑައިގަންނަވާ އުފާވެރި އަދި އުންމީދީ މަންޒަރެއް ކަމުގައި ވެސް ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހި އުފެއްދުންތެރީންނާއި ފަންނުވެރީންގެ މަސައްކަތުގެ އަގު ރައްކާތެރިކޮށް، އެފަދަ މަސައްކަތްތައް ކުރިއެރުވުމަށް ބާރުއެޅުމެވެ.