ރާއްޖޭގެ ހުރިހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކުގައިވެސް 2026 ވަނަ އަހަރު، އީގޭޓްތައް ހަރުކޮށް، ބޭނުންކުރަން ފެށޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލުގައި، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭގޮތަށް އީގޭޓް ހަރުކުރުމަށް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

Ad
rt

ރައީސް ވިދާޅުވެފައިވީ، 1 ޖަނަވަރީ 2026 ގެ ކުރިން، ވީއައިއޭގެ އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލް ހިމެނޭގޮތަށް، ކޮންމެ ޓަރމިނަލެއްގައި 10 ގޭޓް ހަރުކޮށް، ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި 2026 ވަނަ އަހަރު އަންނަން ވާއިރަށް، ދިވެހިރާއްޖޭގެ އެންމެހާ ބައިނަލްއަޤުވާމީ ވައިގެބަނދަރުތަކަށް މި ޚިދުމަތް ފުޅާކުރެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ޒަމާނީ އީގޭޓްތަކުގެ ސަބަބުން، ދަތުރުވެރިންނަށް ބޯޑަރު ކޮންޓްރޯލް ހިދުމަތްތައް އަވަސްވެ، ލުއިފަސޭހަވެގެންދާނެކަން ވެސް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

އީގޭޓްތައް ބޭނުންކުރާނެ ގޮތާ ބެހޭގޮތުން ރައީސް ވިދާޅުވީ، މި ގޭޓްތަކުން، އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒްކުރެވޭނީ، ފޭޝަލް ރެކޮގްނިޝަންގެ ޒަރީއާއިންކަމަށެވެ. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަތުރުވެރިންގެ ތަޖުރިބާ ރަނގަޅުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މިފަދަ ޒަމާނީ ގިނަ ޚިދުމަތްތަކެއް ރާއްޖެއަށް ތަޢާރަފުކުރެވިފައި މިވަނީ، އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށް، 26 ޖުލައި 2025 ގައި ހުޅުވި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލާއެކުގައެވެ.

ދިވެހިރާއްޖެ 2.0 ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓައިޒްކޮށް، ލުއިފަސޭހަ ގޮތްތައް ހަމަޖައްސަވައިދެއްވުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމެކެވެ. އީގޭޓްތައް ހަރުކުރުމަކީ މި ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.