އިންޑޮނޭޝިއާއިން ދަނީ ޣައްޒާގައި ބައިނަލްއަޤްވާމީ ސުލްހަ ބަލަހައްޓާނެ ބާރެއް، ޕްލޭންޑް އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ޤާއިމުކުރުމަށް ތައްޔާރުވަމުން ކަމަށް އެ ޤައުމުން ބުނެފިއެވެ.

އިންޑޮނޭޝިއާގެ ދިފާޢީ ވަޒީރު ޝަފްރީ ޝަމްސުއްދީން ހުކުރު ދުވަހު ނޫސްވެރިންނަށް ވިދާޅުވީ، ޣައްޒާ އަށް ފޮނުވުމަށް އެ ގައުމުގެ 20,000 ސިފައިން ތައްޔާރުކުރަމުން ކަމަށެވެ. އަދި އިޒްރޭލުގެ ދެ އަހަރަށްވުރެ ގިނަ ދުވަހުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ފަލަސްޠީނުގެ ސަރަޙައްދަށް މި ސިފައިން ފޮނުވައިފިނަމަ، އެމީހުންގެ މައިގަނޑު މަސައްކަތަކަށް ވާނީ ސިއްޙީ ޚިދުމަތްތަކާއި އިމާރާތްކުރުމާ ގުޅުންހުރި ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ޝަމްސުއްދީން އިތުރަށް ވިދާޅުވީ، އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ، ޖޯޑަންގެ ރަސްގެފާނު ޢަބްދުﷲ ދައުލަތުގެ ދަތުރުފުޅެއްގައި ވަޑައިގަތުމުން، ޓްރަމްޕްގެ މި އިސްނެގުން އެމަނިކުފާނާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވަކިވަކިން ކިތައް ސިފައިން ފޮނުވާނެ ކަމެއް ނުވަތަ ކޮން އިރަކު ފޮނުވާނެ ކަމެއް ތަފްޞީލުކޮށްދެއްވައެއް ނުދެއްވައެވެ. އެ ނިންމުން އޮތީ ރައީސް ޕްރަބޯވޯގެ އަތްޕުޅުގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި އައި.އެސް.އެފް ގެ ޚިޔާލާ ބެހޭގޮތުން، އޭގެ އެކުލެވުމާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އަދިވެސް ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. ވޮޝިންޓަންއިން ވަނީ މި ބާރަށް އެހީތެރިވުމާ ބެހޭގޮތުން އަޒަރުބައިޖާން، އިންޑޮނޭޝިއާ، މިޞްރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ޤަޠަރާ ވާހަކަދައްކާފައިވާ ކަމަށް ބުނެފައެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް މެދުވެރިއެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާކުރާ ތުރުކީއަށް އެ ސަރަޙައްދުގައި އެއްވެސް ދައުރެއް އަދާކުރުން އިޒްރޭލުން ޤަބޫލުނުކުރާނެ ކަމަށް ވަނީ ބުނެފައެވެ، އެހެންކަމުން މިފަދަ ބާރެއް ޤާއިމުކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ.

އިންޑޮނޭޝިޔާއަކީ ދުނިޔޭގައި އެންމެ ގިނަ މުސްލިމުން ދިރިއުޅޭ ޤައުމެވެ.