ޤައުމުގެ އިޤްތިޞާދު ކޮޅަށްޖައްސަވަނީ ރޭވުންތެރިކަމާއެކު، ވިލުންތެރިކަމާއެކު، ރައްޔިތުންނަށް ފައިދާ އާއި، މުއްސަނދިކަމާއި، ވަޒީފާގެ ފުރުޞަތުތައް ލިބޭ ގޮތަށް، ރައްޔިތުންގެ އަތްމައްޗަށް ތަރައްޤީ އަންނާނޭ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރ ތަރައްޤީކުރައްވައިގެން، އިޤްތިޞާދީ ކުރިއެރުން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ރައީސް މި ވާހަކަފުޅު ދައްކަވާފައިވަނީ، އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ދިވެހީންގެރާއްޖެ" މި ނަމުގައި ރޭ، މާލޭ އާޓިފިޝަލް ބީޗުގައި ޕީ.އެން.ސީ އިން ބޭއްވި ޚާއްޞަ ޖަލްސާއެއްގަ އެވެ.
އިޤްތިޞާދު ހަރުދާނާކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ދާދި އަވަހަށް، ރާއްޖޭގެ މައި ތިން ސިނާޢަތްކަމުގައިވާ، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޢިމާރާތްކުރުމުގެ ސިނާޢަތުގެ ޕްރެޒިޑެންޝަލް އެޑްވައިޒަރީ ކޮމިޓީތައް އުފައްދަވައި، އެ ސިނާޢަތްތަކުގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަމުން ގެންދާނޭކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. މީގެ އިތުރުން، މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާކުރައްވާފައިވާ މައިގަނޑު ތިން ދާއިރާ ކަމުގައިވާ، ހަމަޖެހުން، ތަރައްޤީ އަދި ރައްކާތެރިކަމުގެ މައްޗަށް އެމަނިކުފާނު ވަނީ ތަފްޞީލުކޮށް ވާހަކަފުޅުދައްކަވާފައެވެ. އަދި މި ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު ތަނބަކީ އިސްލާމް ދީންކަމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.
ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މޯލްޑިވްސް ފަރސްޓް ޚާރިޖީ ސިޔާސަތެއް މި ސަރުކާރުން ގެންގުޅުއްވާކަމަށެވެ. އެގޮތުން، އިޒްރޭލް ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ދިވެހިރާއްޖެއިން މަރުޙަބާކިޔާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދޭހާ ހިނދަކު، އިސްރޭލުގެ ޕާސްޕޯޓަށް ރާއްޖެއިން މަރުޙަބާ ނުކިޔާނޭކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ޤައުމީ ދިފާޢީ ނިޒާމު ހަރުދަނާކުރައްވަނީ، ރައްކާތެރިކަން އިތުރުކުރެއްވުމަށް ކަމަށް ވިދާޅުވެ، ދާޚިލީ ހަމަޖެހުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، އަމިއްލަ މަސްލަޙަތައް ވުރެ ޤައުމު އިސްކުރެއްވުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި، ޙަޤީޤީ މާނައިގައި ޤައުމަށް ހަމަޖެހުން އަންނާނީ، ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނުބައި، ވިހަ އޮއިވަރު ނައްތާލުމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ދެ އަހަރު ތެރޭ ސިޔާސީ ހައްޔަރީން ފެނިފައިނުވާނޭކަމާއި، ދީނީ ހުދޫދުތަކުގެ ތެރެއިން ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަން ރާއްޖޭގައި ފުޅާކުރެވިފައިވެއެވެ. ކޮރަޕްޝަން ނައްތާލުމަށްޓަކައި، ހިންގުމުގެ ނިޒާމުގެ ނަޒާހާތްތެރިކަން އިތުރުކުރުމަށް ފައްޓަވާފައިވާ މޯލްޑިވްސް 2.0 މަޝްރޫޢަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ތަރައްޤީގެ މަސައްކަތްތަކަށް ހުރަހަކަށް ނުވާނޭ ގޮތަށް، މަޝްރޫޢުތަކަށް ހުއްޓުމެއް ނާންނާނޭ މޭރުމުން ކައުންސިލަރުން އިޚުތިޔާރުކުރެއްވުމަށް އިލްތިމާސްކުރައްވައި، އެމަނިކުފާނުގެ މަސައްކަތަކަށް ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވަމުންނެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޕީ.އެން.ސީ ގެ އިސް ވެރީންނާއި ރެކޯޑު ޢަދަދެއްގެ ޢާންމުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!