ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ގުޅިގެން ހާއްސަ ބޮޑު އޮޕަރޭޝަނެއް ހިންގައިފިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 2 އިން 13 އަށް ގއ. އަދި ގދ. އަތޮޅުގައި ކަމަށް ފުލުހުން މީޑިއާތަކަށް މަޢުލޫމާތު ދެއްވި އެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށް، 12 ކިލޯގެ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރި 16 މީހުންގެ ތެރޭގައި ހިމެނެނީ ގއ. މާމެންދޫއިން ހައްޔަރުކުރި 7 ފިރިހެނުންނާއި އަންހެނެއްގެ އިތުރުން ގދ. ވާދޫއިން ހައްޔަރުކުރި 5 ފިރިހެނުންނާއި މާލެއިން ހައްޔަރުކުރި 3 ފިރިހެނުންނެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެކެވެ. މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ބޮޑު ވިއުގައެއްގެ ބައެއް ކަމަށް ފުލުހުން ބެލެއެވެ.
މަސްތުވާތަކެތި ހޯދުމުގެ މި އޮޕަރޭޝަންގައި 18 ގެއަކާއި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށަކާއި 2 ހުސްބިން ވަނީ ބަލައިފާސްކޮށްފައެވެ. މީގެ އިތުރުން 2 ކާރާއި 5 ސައިކަލް ވެސް ވަނީ ބަލައިފާސްކޮށްފައެވެ. މި ބަލައިފާސްކުރުންތަކުގައި ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ހޯދިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، އެކި މުއްދަތުތަކަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެގޮތުން 3 މީހަކަށް 30 ދުވަހުގެ ބަންދުގެ މުއްދަތާއި، 6 މީހަކަށް 15 ދުވަހުގެ މުއްދަތާއި، އެކަކަށް 18 ދުވަހުގެ މުއްދަތާއި، އަނެއް އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!