ސައޫދީ އަރަބިއްޔާ އަކީ އަބަދުވެސް ބަހަށްވުރެއް އަމަލު ގިނަކުރަން ބޭނުންވާ ގައުމެއްކަމުގައި، ސައޫދީ ޢަރަބިއްޔާގެ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ނައިބު ވަޒީރު އަދި މޫސުމީ ބަދަލުތަކާބެހޭ މަންދޫބު ޢާދިލް ބިން އަޙްމަދު އަލް-ޖުބައިރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާޟްގައި ބޭއްވި 2025 ޓޫރިސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި، ޚާއްޞަކޮށް ގްރީން ހައިޑްރޯޖަންގެ ދާއިރާގައި އެ ޤައުމުގެ ބައިނަލްއަޤްވާމީ ދައުރު ފާހަގަކުރައްވަމުންނެއެވެ.

Ad
rt

އަލް-ޖުބައިރު ވިދާޅުވީ، ސައޫދީ ޢަރަބިއްޔާއިން ބޮޑަށް އިސްކަންދެނީ ވާހަކަ ދެއްކުމަށްވުރެ ބޮޑަށް ޢަމަލީ ގޮތުން ކުރިއެރުން ހޯދުމަށް ކަމަށެވެ. އެގޮތުން، ދުނިޔޭގެ އެންމެ ބޮޑެތި ގްރީން ހައިޑްރޯޖަން އެކްސްޕޯޓަރުންގެ ތެރޭގައި ސައޫދީ ޢަރަބިއްޔާ ހިމެނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"ގްރީން ހައިޑްރޯޖަން އެކްސްޕޯޓްކުރާ އެންމެ ބޮޑެތި ޤައުމުތަކުގެ ތެރޭގައި ހިމެނުމަށް އަޅުގަނޑުމެން މިވަނީ މަގުމަތީގައި. އަޅުގަނޑުމެންގެ ތެޔޮ ކުންފުނިން ވަނީ މިކަމަށް ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްފައި، އެހެން ބަޔަކަށް ނަމޫނާއަކަށް ވުމަށް. ނަމަވެސް އަޅުގަނޑުމެން އެކަން އުފެއްދި އިރު، އެކަމަށް ގޮވާލި ޤައުމުތައް އެކަން ގަންނަން ތައްޔާރެއް ނުވި. ދުނިޔެއާ ވާހަކަ ދެއްކުމުގެ ބަދަލުގައި ނުވަތަ ބޮޑާކަން ދެއްކުމުގެ ބަދަލުގައި، އިންޑަސްޓްރީއާ ވާހަކަ ދައްކާށޭ." އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރަޙައްދުގެ ތަރިކައަށް އަލިއަޅުވާލައްވަމުން، އަލް-ޖުބައިރު ވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތަބީޢަތާ އެއްގޮތަށް ދިރިއުޅުމުގެ ޢަރަބި ސަގާފަތާ ގުޅުވައިލައްވާފައެވެ. "އަޅުގަނޑުމެންނަކީ އަސްލުގައި ބަދަވީން؛ އަޅުގަނޑުމެން ޤަބޫލުކުރަނީ އަޅުގަނޑުމެން މި ބިމުގައި ދިރިއުޅެނީ މި ބިމާއެކުގައޭ. އެހެންކަމުން އަޅުގަނޑުމެން ބިމަށް ރައްކާތެރިވާ ނަމަ، ބިން އަޅުގަނޑުމެންނަށް ރައްކާތެރިވާނެ،" އޭނާ ވިދާޅުވިއެވެ. އަދި ސައޫދީ ޢަރަބިއްޔާގެ ތަބީޢީ އަދި ސަގާފީ ރީތިކަން ބަލާލުމަށް ފަތުރުވެރިންނަށް ދަޢުވަތު ދެއްވިއެވެ.

2025 ޓޫރިސް ސަމިޓް، "ފަތުރުވެރިކަމުގެ މުސްތަޤްބަލް" މި ނަމުގައި، އ.ދ. ގެ ފަތުރުވެރިކަމާބެހޭ 50 ވަނަ ޢާންމު މަޖިލީހަށް ފަހު، ނޮވެމްބަރު 11 އިން 13 އަށް ރިޔާޟްގައި ކުރިއަށްދާނެއެވެ.