ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި ހިންގާ ނޫސްވެރިކަމާއި ގުޅޭ ކޯސްތައް ކިޔަވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރެވުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އާއި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާއި ދެމެދުގައެވެ.
މި އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވަޒީރު، ޑރ. އިބްރާހިމް ވަހީދު (އަސްވާޑު) އެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމް އެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ ދަށުން، އެމް.އެން.ޔޫގައި ކުރިއަށްގެންދާ މީޑިޔާ އަދި ނޫސްވެރިކަމާއި ގުޅޭ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ވަކި އިންސައްތައެއް ދިވެހި ދަޢުލަތުގެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖެއަށް މުހިއްމު ދާއިރާތަކުން ގިނަ އަދަދެއްގެ ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ދަށުން ވެވުނު އެއްބަސްވުމެއްކަމަށް ވެސް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!