ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަކަށް ފުލުހުންގެ ޚިދުމަތުން މިއަދު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ފެށި ހާއްސަ އޮޕަރޭޝަން ''އޮޕަރޭޝަން އަލިމަގު"ގެ ތެރެއިން 86 ތަނެއް ބަލާފާސްކޮށް 97 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މިހާތަނަށް 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ބަލައި ފާސްކުރަމުން ދިޔަ ތަންތަނުގެ ތެރެއިން 86 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
''މި އޮޕަރޭޝަނުގައި ބަލައިފާސްކުރަމުންދާ ތަންތަނުން މަސްތުވާތަކެއްޗާއި ވިޔަފާރިކުރުމުގައި ބޭނުންކުރާ ތަކެއްޗާއި ގިނަ އަދަދެއްގެ ގިނަ އަދަދެއްގެ ފައިސާ ފެނިފައިވޭ'' ފުލުހުން ބުނެފަވެއެވެ.
ޑްރަގް ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް އޮޕަރޭޝަނެއް ފެށުމަށް ރައީސް އަންގަވައިފި
"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ.
މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!