މިއަންނަ ހައްޖު މޫސުމުން ފެށިގެން، ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމުގެ ކަންކަން ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މިއަދު މި މައުލޫމާތު ހިއްސާކުރައްވަމުން ބުނީ، މި ބަދަލުގެ ސަބަބުން ހައްޖުގެ އެންމެހައި އަޅުކަންތައް ހެޔޮގޮތުގައި ތަންފީޒުވުން ކަށަވަރުވާނެ ކަމަށެވެ.

Ad
rt

ކުރިން ހައްޖު ޖަމާޢަތްތަކުން ސައުދީގެ ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މިކަންތައް، ދެން ކުރިއަށް ދާނީ ސީދާ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމަށް ބޭނުންވާ ފައިސާ ދައްކަން ޖެހެނީ ވެސް ޑިޖިޓަލް ޕޯޓަލްގެ ތެރެއިން އެ ޤައުމެއްގެ ހައްޖު މިޝަން މެދުވެެރިކޮށް ސީދާ ހައްޖު މިނިސްޓްރީއަށެވެ. މިއީ ފައިސާގެ މުޢާމަލާތްތައް އިތުރަށް ކަށަވަރުކޮށް، ޒަމާނީކުރުމަށް ގެނެވުނު ބަދަލެކެވެ.

މި ބަދަލާއެކު، ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމުގެ ކަންކަން ދެން ބަލަހައްޓާނީ ސައޫދީގެ ހައްޖު މިނިސްޓްރީގެ އުޟްޙިޔާއާއި ހަދްޔާ ބެހޭ ޚާއްޞަ ކޮމިޝަނަކުންނެއެވެ. އަދި ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމުގެ ކަންތައް ނިމުމުން، މަސް ބެހުމުގެ ކަންތައް ވެސް ފަޤީރުންނަށް އަމާޒުކޮށް އެ ކޮމިޝަނުން ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން، އެޤައުމެއްގެ ހައްޖުވެރިންގެ ހަދްޔާއި އުޟްޙިޔާ ކަތިލުމުގެ ވީޑިއޯ ބޭނުން ނަމަ މިޝަނުން ޙިއްސާކޮށްދިނުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. ހައްޖުވެރިން ކާން ބޭނުންކުރުމަށް އެދިއްޖެނަމަ މަސް ވެސް މިޝަނުން ފޯރުކޮށްދެވޭނެއެވެ.

ސައުދީ ސަރުކާރުން މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ، މި މުހިންމު އަޅުކަން ހެޔޮ ގޮތުގައި ތަންފީޒުވުން ކަށަވަރު ކުރުމާއި، ކޮރަޕްޝަންގެ އެއްވެސް ޢަމަލަކަށް ޖާގަ ނުދިނުމަށްޓަކައެވެ. މި ބަދަލަކީ ހައްޖުވެރިންގެ ފައިސާގެ ރައްކާތެރިކަން އިތުރުކޮށް، އަޅުކަން ފުރިހަމަވުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް ބެލެވެއެވެ.

މި ނިންމުމާ ގުޅިގެން އިއްޔެ ސައުދީ ހައްޖު މިނިސްޓްރީން ވަނީ ގައުމުތަކުގެ ހައްޖު މިޝަންތަކުގެ ވެރިންނާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވިއެވެ. ރާއްޖޭގެ ހައްޖު މިޝަނުން ވަނީ މި ބަދަލަކީ ވަރަށް ރަނގަޅު ބަދަލެއްކަމަށް ހާމަކޮށް، މިކަމަށް މަރުހަބާ ކިޔާފައެވެ.