ށ. މިލަންދޫ ބީ.އެމް.އެލް އޭޓީއެމް ކައިރިން ހޮވައިގެން ޢާއްމު ފަރާތަކުން ކޯޓަށް ޙަވާލުކޮށްފައިވާ ކޭސްކާޑަކާއި ފައިސާގެ ވެރިފަރާތް ހޯދުމަށް އިޢުލާންކޮށްފި އެވެ.
ކޯޓުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިތަކެތި ކޯޓާ ޙަވާލުކޮށްފައިވަނީ 10 ނޮވެމްބަރ 2025 ވަނަ ދުވަހުއެވެ.
ކޯޓުން ނެރެފައިވާ އިޢުލާނެއްގައިވާ ގޮތުން، ގެއްލިފައިވާ ފައިސާގެ ވެރިފަރާތެއްވާނަމަ، އެ ފައިސާތަކުގެ ސިފަތައް (ނޫޓުގެ ޢަދަދާއި، ފައިސާގެ ޖުމްލަ) އެނގޭގޮތަށް ކޯޓަށް ލިޔުމަކުން ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ. މިގޮތުން، ގެއްލުނު ފައިސާގެ ވެރިފަރާތް ސާބިތުކުރުމަށްފަހު ފައިސާ ލިބިގަތުމަށް ކޯޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ފައިސާއާއި ކާޑުގެ ވެރިފަރާތް ސާބިތުކުރުމަށް ކޯޓުން ދީފައިވާ މުއްދަތަކީ މިއަދު، 12 ނޮވެމްބަރ 2025 ވަނަ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރެއެވެ. ވެރިފަރާތުން ކޯޓަށް ހުށަހެޅުންތައް ހުށަހަޅަންޖެހޭނީ މި މުއްދަތުގެ ތެރޭގައެވެ.
ކޯޓުން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ފައިސާ ހޯދުމަށް ހުށަނާޅައިފިނަމަ، ޤަވާއިދުގައިވާ ގޮތުގެ މަތީން އެ ފައިސާއާމެދު ޢަމަލުކުރެވޭނެ ކަމަށެވެ. ނަމަވެސް، ކޯޓުން ނެރުނު އިޢުލާނުގައި ހޮވުނު ފައިސާގެ ޢަދަދު ބަޔާންކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!