ހދ. ނޭކުރެންދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 11:50 ހާއިރު ނޭކުރެންދޫގައި އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކާއި މެދު ބަޔަކު މާރާމާރީ ހިންގާ އަނިޔާކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.
އެގޮތުން މި މައުލޫމާތު ލިބުމުން އޭނާ ނޭކުރެންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އިތުރު ޓެސްޓްތަކެއް ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި އިތުރު ފަރުވާއަށް އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 29 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ނޭކުރެންދޫ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އުމުރުން ދުވަސްވީ މީހާއަށް ބަޔަކު ހަމަލަދިނީ އޭނާ އަދާ ކުރާ ވަޒީފާގެ ޑިއުޓީއަށް ދިއުމަށް ދަނިކޮށް ކަމަށެވެ. އެމީހާ އަދާ ކުރަމުންދަނީ އެރަށު މެޖިސްޓްރޭޓް ކޯޓްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ވަޒީފާއެވެ.
އެމީހާއަށް ހަމަލާ ދިނުމިގެ ތުހުމަތުގައި މިއަދު ފުލުހުން ހައްޔަރު ކޮށްފައިވަނީ ނޭކުރެންދޫއަށް ނިސްބަތްވާ ދެމީހުން ކަމަށްވެސް މި ނޫހާއި ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!