•  
  •  
  •  
  •  
  •  
  •  

ހދ. ހަނިމާދޫއަކީ އުތުރުރުގެ ތަރައްޤީގެ ނާރެހެއް ގޮތުގައި ތަރައްޤީ ކުރާނެ ރަށެއް ކަމަށް ވޭތުވި ހުރިހާ ސަރުކާރަކުން ބުނަމުން އައި ރަށެކެވެ. ހަމަ އެހެންމެ އުތުރުގެ ބައިނަލް އަޤްވާމީ މައި ދަތުރު ފަތުރުގެ ދޮރާށި އޮންނަ 305.7 ހެކްޓަރުގެ ހަނިމާދޫއަކީ ރާއްޖޭގެ ރަށްފުށުގެ ތަރައްޤީއަށް ބަލާއިރު ތަރައްޤީގެ ކުރިއެރުންތައް ހޯދާފައިވާ ރަށެކެވެ.
ހަނިމާދޫގެ އާބާދީގައި 2300 އަށްވުރެ ގިނަ މީހުން ތިބިނަމަވެސް ރަށުން ލިބެންހުރި ފުރުޞަތުތައް ގިނަވުމުގެ ސަބަބުން 3000 އަށް ވުރެ ގިނަ މީހުން އެރަށުގައި ދިރިއިޅޭކަމަށް އަންދާޒާ ކުރެވެއެވެ.



ހދ. އަތޮޅުގައި ހިމެނޭ ހަމައެކަނި ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގަމުންދާ ރަށަކީވެސް ހަނިމާދޫއެވެ. ހއ. ހަތިފުށްޓާއި ހދ. ހޮނޑައިދޫގެ މީހުން މިހާރު ވަޒަންވެރިވެފައިވަނީވެސް މިރަށުގައެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ދެފަހަރެއްގެ މަތިން ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ބައެއް ރަށްރަށުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި، އެފުރުޞަތު ހުޅުވާލި އެއް ރަށެއް ކަމުގައި ހދ. ހަނިމާދޫ ހިމެނުނެވެ.



މައުލޫމާތު ކުށަކަށް ނުވާނަމަ ލާމަރުކަޒީ އުސޫލުން 1992 ވަނަ އަހަރުން ފެށިގެން ދޫކުރަން ފެށުނު ގޯތި ތަކުން ފެށިގެން ހަނިމާދޫ ރަށްވެހިން ނޫން މީހުންނަށް މިހާތަނަށް ޖުމްލަ 112 ގޯތި ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި ލާމަރުކަޒީ އުސޫލުން ދޫކުރެވުނު 4000 އަކަފޫޓުގެ 95 ގޯތި ހިމެނެއެވެ. މިއުސޫލުން ހަނިމާދޫ ރައްވެހިންނޫން މީހުންނަށް އެންމެ ގިނައިން ގޯތި ދޫކުރެވިފައިވަނީ 1992 ވަނަ އަހަރެވެ. 2000، 2001 އަދި 2002 ވަނަ އަހަރުވެސް އެއުސޫލުގެ ދަށުން ހަނިމާދުއިން ގޯތިތަކެއް ދޫކުރެވިފައިވެއެވެ.
ލާމަރުކަޒީ އުސޫލުގެ ތެރެއިން ހަނިމާދޫއިން ދޫކުރި 4000 އަކަފޫޓުގެ 95 ގޯތި ތެރެއިން ގިނަ ގޯތި ނަގާފައިވަނީ މާލޭގެ ކަމުވޮށިގެންވާ ޢާއިލާތަކުގެ ބޭބޭ ފުޅުންނާއި، ރައީސް މައުމޫނުގެ ދައުރުން ފެށިގެން ރައީސް ވަޙީދުގެ ސަރުކާރާއި ހަމައަށް އައި ސަރުކާރު ތަކުގެ ވަޒީރުން، ނައިބު ވަޒީރުން އަދި މިނޫންވެސް ދައުލަތުގެ އޭރުގެ އިސް މަޤާމްތައް ފުރުއްވި ފަރާތްތަކުންނެވެ.



ހަނިމާދޫން އެރަށުގެ ރަށްވެހިންނޫން މީހުންނަށް ދޫކޮށްފައިވާ 4000 އަކަ ފޫޓުގެ 95 ގޯތީގެ އިތުރުން، 17 ގޯއްޗަކީ 3000 އަކަފޫޓުގެ ގޯތި ތަކެވެ.
ލާމަރުކަޒީ އުސޫލުންނާއި އަދި އޭގެ ފަހުން ހުޅުވާލި ފުރުޞަތު ތަކުގައި ހަނިމާދޫ ނޫން އެހެން ރަށްރަށުގެ މީހުންނަށް ދޫކުރެވުނު ގޯތި ތަކުގެ ތެރެއިން އިމާރާތްކޮށް ދިރި އުޅުމަށް ބޭނުން ކުރަނީވެސް އަދި ވިޔަފާރީގެ އުސޫލުން ގެސްޓް ހައުސް ހަދައި ކުއްޔަށް ދޫކޮށްފައިވަނީވެސް ދެ އަތުގެ އިނގިލިން ގުނާލެވޭ ވަރުގެ މަދު ގޯތި ތަކެއްކަމަށް ދެންނެވުން ދޮގަކަށް ނުވާނެއެވެ.

ފާހަގަ ކޮށްލަނަޖެހޭ ކަމަކީ އިސްވެ ދެންނެވުނު، ހަނިމާދޫއިން ގޯތި ނަގާފައިވާ މާލޭގެ ކަމުވޮށިގެންވާ ޢާއިލާތަކުގެ ބޭބޭ ފުޅުންނާއި، މިދެންނެވި ސަރުކާރު ތަކުގެ ވަޒީރުން، ނައިބު ވަޒީރުން އަދި މިނޫންވެސް ދައުލަތުގެ އޭރުގެ އިސް މަޤާމްތައް ފުރުއްވި ފަރާތްތަކުން ނަގާފައިވާ މަދު ގޯއްޗެއް ފިޔަވައި ގިނަ ގޯތިތައް ހުރީ އެއްވެސް ބެލެހެއްޓުމެއް ނެތި ދޫކޮށްލާފައި ކަމެވެ. އަދި އެފަދަ ގޯތިތައް ނަގާފައިވަނީ ރަށުގެ އެންމެ ރަނގަޅު ލޮކޭޝަންތަކުންކަން ފާހަގަ ކޮށްލަން ޖެހެއެވެ. އޭގެ ތެރެއިން ގިނަ ގޯތިތައް ހުރީ އަތިރިމައްޗާއި އިންވެގެން އެންމެ ހިތްގައިމު ސަރަޙައްދު ތަކުގައެވެ.


ގެދޮރު އިމާރާތް ކުރަނީ ރަށްފުށުގެ މީހުން ގުދު ބިންދައިގެން އުމުރު ދުވަހުން ކަމަށްވިޔަސް ފޯރާ މީހުން މިފަދަ ގޮތަކަށް ޒަމާން ތަކަކަށް ރަށުގެ ރީތިކަން ގެއްލޭހެން ގޯތިތައް ދޫކޮށްލާފައި ހުރުމަކީ ރަަށުގެ މީހުން ހާއްސަކޮށް އެބިންތަކުގެ އަގު އެނގޭ ޒުވާނުންގެ ނުހަނު ބޮޑު ކަން ބޮޑުވުމެކެވެ.
އެފަދަ ބިންތަކުގައި ދިރި ނޫޅޭތާގައި، އިމާރާތްކޮށް ބެލެހެއްޓުމެއް ނެތީއެވެ. ގޯތިތަކާއި ގޯތިތައް ހުންނަ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓަމުން ނުދިޔުމުގެ ސަބަބުން ރަށުގެ ރިތިކަމަށްވަނީ ހުރަސްއެޅިފައެވެ. ހުނި ޖަހާލެވޭ ދެތިން ފަރާތަކުން އެމީހުންގެ ގޯތީގައި އިމާރާތްކޮށް ނަފާ ހޯދިނަމަވެސް ގިނަ ގޯތިތަކުން ރަށަށް މަންފާ ވާނެ ގޮތެއްނެތެވެ. އެގޯތި ތަކުގެ ވެރިންގެ ފަރާތުން ރަށުގެ ތަރައްޤީއަށް އެދެވޭ އެހީތެރިކަމެއް ނުލިބެއެވެ.



މިހާރު އެފަދަ ބައެއް ގޯތިތައް ވިއްކުމަށް ނީލަމުގައި ހުރި އިރު މިސަރުކާރުގެ ވެސް ނައިބު ވަޒީރަކާއި، ވަޒީރު ފެންވަރުގެ ބޭފުޅެއްގެ ގޯތި އޮތް ހަނިމާދޫގެ ބިމަކީ ރައްޔިތުންނަށް ނަފާވާނެހެން ބަހާލެވިފައި އޮންނާނެހެން ބިމުގެ ބޭނުން ހިފޭ ރަށަކަށް ވާންޖެހެއެވެ.
ހަނިމާދޫގެ ކުރިމަގުގަށް އެގޯތި ތަކަށް ގޮތެއް ނިންމުމުގެ ޤާނޫނީ ހަމައެއް ނެރެންޖެހޭ ކަމަށް ރަށުގެ ޒުވާން ޖީލުދެކެއެވެ. އެޒުވާނުންނާއި އެޒުވާނުންގެ ދަރީންގެ ދަރީންނަށްވެސް މިކަމުން ހައްލެއް ދައްކައިދޭން ޖެހެއެވެ.
ހަނިމާދޫގައި ހުސް ބިޔަ އެތައް ގޯއްޗެއް އެބައޮތްކަމަށާއި، ޢިމާރާތް ކޮށްފައި ހުރީ ބިމު އަޑީގައިކަމަށް މަޖާޒީގޮތުން ދަންނަވަން ޖެހުނު ސަބަބު ތިލަކޮށްލެވިއްޖެ ކަމަށް ހީކުރަމެވެ.
ފޮޓޯތައް: ތޮލްޙަތު މޫސާ

1 ޚިޔާލު

  1. ސަޅި ލިޔުމެއް … މީގެ ލިޔުން ގިނަ ކުރަން ޖެހޭ

Your email address will not be published.

More in ރިޕޯޓް