އަންގާރަ ދުވަހު އޮތް އިންތިޚާބު ކާމިޔާބުކުރަށްވައި ޒޮހްރާން މަމްދާނީ އެމެރިކާގެ ނިއު ޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބުކުރަށްވައިފިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޕްރޮގްރެސިވް ކެންޑިޑޭޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވައި، މަމްދާނީ ވަނީ ކުރީގެ ގަވަރނަރ އެންޑްރޫ ކުއޯމޯ އަދި ރިޕަބްލިކަން ކަރޓިސް ސްލީވާއަށްވުރެ ކުރި ހޯއްދާފައެވެ.

Ad
rt

މި ތާރީޚީ ކާމިޔާބީއާއެކު، ޑިމޮކްރެޓިކް ސޯޝަލިސްޓް މަމްދާނީގެ ނަން ނިއު ޔޯކް ސިޓީގެ ތާރީޚުގައި ލިޔެވިގެންދާނީ ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރުގެ ގޮތުގައެވެ.

އޭނާ އަކީ ދެކުނު އޭޝިއާގެ ނަސްލުގެ ފުރަތަމަ މޭޔަރު އަދި އެފްރިކާގައި އުފަންވެވަޑައިގެންނެވި ފުރަތަމަ މޭޔަރުގެ ގޮތުގައި ވެސް ތާރީޚުން ވަނީ ޖާގަ ހޯއްދަވާފައެވެ.

1 ޖަނަވަރީ 2026 ގައި މަޤާމާ ޙަވާލުވެވަޑައިގަތުމުން، ސިޓީގެ އެންމެ ޒުވާން މޭޔަރަށްވެސް އޭނާ ވެވަޑައިގަންނަވާނެއެވެ.

މަމްދާނީގެ ފާހަގަކޮށްލެވޭ ކުރިއެރުމުން، ޑިމޮކްރެޓިކް ޕާޓީއަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ.

މަމްދާނީއަކީ މިހާރުވެސް ޤައުމީ ފެންވަރުގައި ރިޕަބްލިކަނުންގެ ސަމާލުކަން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.