އިއްޔެ މާލޭގެ އެމްޕީއެލް އާއި ދިމާ ބޭރަށް ކޮޅުވެއްޓިއެއް ބަނޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބިގެން ހާލު ސީރިވި ދިވެހި މީހާ ނިޔާވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ، އަލީ އަފްލާހް، (25އ)، ދިލްބަހާރުގެ/ގއ.ގެމަނަފުށި އެވެ.

Ad
rt

މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވައި ވަނީ އިއްޔެ މެންދުރު ފަހު 15:44 ހާއިރުކަމަށް އެ އިދާރާއިން ބުންޏެވެ. އޭގެ ކުރިން މެރިން ޕޮލިހުން ވަނީ މި ހާދިސާ ހިނގައިގެން ހަރަކާތެރިވަމުން އަންނަކަމަށް ބުނެފައެވެ.

މިހާދިސާގެ ރިޕޯޓު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަކަމަށް ސިފައިން ބުނީ 16:39 ގައެވެ.

މި ހާދިސާގައި ފުރަތަމަ ފެނުނު ތިން މީހުންނަށް އަނިޔާވެފައިވާތީ ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. އަދި އެކަކު ކޮޅުވެއްޓީގައި ވެއްޖެކަމަށް ލިބުނު މައުލޫމާތުގެ އަލީގައި ސިފައިންގެ މަސައްކަތުން އެމީހާ ކޮޅުވެއްޓިން ނަގާފައިވާކަމަށް ސިފައިން ވަނީ ބުނެފައެވެ.

އެއިގެ ފަހުން ފުލުހުން ބުނީ ޖުމްލަ 6 މީހަކަށް އައިޖީއެމްގައި ފަރުވާ ދެމުން އަންނަކަމަށެވެ. އެއީ 4 ދިވެހިންނާއި 2 ބިދޭސީންކަމަށް ވެސް ބުންޏެވެ. އަދި އެތަނުން އެއް ބިދޭސީއެއްގެ ހާލު ސީރިއަސްކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ ކޮޅުވެއްޓީގައި ޖުމްލަ 14 މީހުން ތިިބިކަމަށް އެނގިފައިވާ ކަމަށެވެ. އަދި އެ އެންމެން ފެނިފައިވާކަމަށް ވެސް ބުންޏެވެ.

ފުލުހުން އިތުރަށް މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި ބިދޭއަކަށް ބޮޑެތި އަނިޔާތަކެއް ލިބި އޭނާގެ ހާލު ވަނީ ސީރިއަސް ވެފައެވެ.

އެއިގެ ފަހުން ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި އަނިޔާލިބުނު ބިދޭސީއަކު ވަނީ ނިޔާވެފައެވެ. ބެލެވޭ ގޮތުގައި އެއީ އެންމެ ބޮޑަށް އަނިޔާވި ބިދޭސީ މީހާއެވެ. ނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މަސްއުދު ހޮސައިން އެވެ.