ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނާއި ނޮޅިވަރަން ޕޮލިސް ސްޓޭޝަން ގުޅިގެން 29 އޮކްޓޫބަރު 2025 ވީ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ޢަލީ ރަޝީދު (48އ)، ނޮޅިވަރަމް/ޔާދު އެވެ. ''ޔެލޯ އަލީ''ގެ ނަމުން ވެސް މުޚާތަބު ކުރެވޭ މިމީހާ ހައްޔަރުކޮށްފައި ވަނީ ނޮޅިވަރަމަށް އައި ބޯޓަކުން ގެނައި ފޮށިގަނޑަކާއި ޑަބިޔަލެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ދެ ޕެކެޓު ފެނުނު މައްސަލައާ ގުޅިގެންކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ތަހުޤީޤު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.