ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް އެހީ ލިބޭކަން ޢިއުލާންކުރުމަށްފަހު، އެ އެހީ ދޫކުރުމަށް ކަނޑައެޅި ޢިއުލާން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން މިއަދު ބާތިލުކޮށްފިއެވެ.

މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން ދެ ފަހަރެއްގެ މަތިން ކުރިމަތިލުމަށް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ފުރުސަތު ދިނެވެ. ދެވަނަ ފުރުސަތެއް ދިނީ ފުރަތަމަ ފުރުސަތުގައި ކުރިމަތިލި މީޑިއާތައް މަދުވުން އިތުރު ފުރުސަތެއް ދިނުމަށެވެ. އެ ފުރުސަތުގެ ދަށުން އެހީ ލިބޭ މީޑިއާތައް އިއްޔެ ވަނީ އެ މިނިސްޓްރީން އާންމުކޮށްފައެވެ.

Ad
rt

ނަމަވެސް ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލުގެ ދަށުން މާލީ އެހީތެރިކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ބައެއް މީޑިއާ ތަކާއި އަމިއްލަ ބައެއް ފަރާތްތަކުން އެ އުސޫލާމެދު ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ ކުރީގެ ނިންމުން ބަދަލުކޮށް މީޑީއާތަކަށް އެހީ ދިނުމަށް ހުޅުވާލި ޢިއުލާން ބާތިލުކޮށްފައިވާކަމަށް މިއަދު އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން މި ނިންމުން ނިންމީ އެހީ ލިބޭކަމަށް ކަނޑައެޅި މީޑިއާތަކަށް އެހީ ދިނުމުގެ އިގްރާރުތަކުގައި ސޮއިކޮށް، އެކަމުގެ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށްފަހު ފައިސާ ޖަމާކުރަން ވެސް ފޮނުވުމަށް ފަހުގައިކަމަށް މައުލޫމާތު ލިބެއެވެ.

މި މަރުހަލާ ކުރިއަށް ގެންދިޔުމަށްފަހު ނިންމުން ބާތިލުކޮށް މިނިސްޓްރީން މިއަދު ބުނީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު އެކުލަވާލެވިފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، މީޑިއާތައް ތަމްސީލު ކުރުމަށް ވަކި މުއައްސަސާއެއް ގާއިމުކުރުމުގެ މަރުހަލާގައި، ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ލަފަޔާ އެކުގައި ނަމަވެސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އުފެދުމާއެކު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާގުޅޭ އެންމެހައި ކަންކަން މިނިވަން ކަމާއެކު ކުރުމަށް އެންމެ އެކަށީގެން ވަނީ އެމްއެމްބީސީ އިން ކަމަށެވެ. އެހެންވެ، މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އެންމެހައި ކަންކަން އެމްއެމްބީސީ އާ ޙަވާލު ކުރުމަށް ނިންމާފައިވާކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.