ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފަށާ މުބާރާތެއްކަމަށްވާ، ''އެޓޯލް ޗެމްޕިއަންޝިޕް 2025/2026'' މުބާރާތް ހިންގުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމުގައިވާ ފީފާއިން 266,000 އެމެރިކާ ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ 24 އޮކްޓޯބަރު 2025 ގައި ވަނީ ރާއްޖެ އަށް ރަސްމީ ދަތުރެއް ކުރަށްވާފައެވެ. މިއީ ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހްމަދު ތޯރިގްގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ.

Ad
rt

މި ދަތުރާއި ގުޅޭ މައުލޫމާތު ހާމަކުރަމުން ފީފާއިން ބުނީ އެފްއޭއެމުން އަލަށް ފަށާ ''އެޓޯލް ޗެމްޕިއަންޝިޕް 2025/2026''، ސަރަޙައްދީ ލީގު އައު ގޮތަކަށް އެކުލަވާލުމުގެ ޕައިލެޓް ޕްރޮގްރާމަށް ފީފާ ފޯވަރޑް އިން 266,000 އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެޓޯލް ޗެމްޕިއަންޝިޕް ފަށަނީ ކުޅުދުއްފުއްޓާއި ނެއްލައިދޫ މެޗުން

ފީފާއިން ބުނިގޮތުގައި މި ލީގުގައި އެކި އަތޮޅުތަކުން 49 ޓީމު ބައިވެރިވެ ކޮލިފައިންގ ބުރެއް ކުޅޭނެ ކަމަށެވެ. އަދި އޭގެ ފަހުން، 18 ރަށެއްގައި ނޮކްއައުޓް ފޭސްއެއް ބޭއްވޭނެކަމަށެވެ. އެއަށްފަހު ތިން ޖިއޮގްރަފިކަލް ޒޯނުން ކޮންމެ ޒޯނެއްގެ ޗެމްޕިއަނުންގެ މެދުގައި ދިވެހި ޕްރިމިއަރ ލީގު (ޑީޕީއެލް) ގެ ކޮލިފައިންގ ދަތުރުކުރާނެކަމަށް ފީފާއިން ބުންޏެވެ. ޑީޕީއެލްއަކީ އެފްއޭއެމް އިން ތަންފީޒުކުރަމުންދާ އަދި ފީފާ ފޯވަރޑްގެ އެހީތެރިކަން ލިބެމުންދާ އައު ގައުމީ، ލާމަރުކަޒީ އޮނިގަނޑުގެ އެންމެ މަތީ ފަންތީގެ މުބާރާތެއްކަން ވެސް ފީފާއިން ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން އެފްއޭއެމުން ދަނީ ފީފާ ފޯވާޑް 3.0 ގެ ސްޕެޝަލް ޕްރޮޖެކްޓް ފަންޑުން އެހީތެރިކަން ފޯރުކޮށްދޭ ގައުމީ އަންހެނުންގެ ލީގު އިފްތިތާހު ކުރުމަށް ވެސް ރާވަމުންކަމަށް ފީފާއިން ބުންޏެވެ.

''އެޓޯލް ޗެމްޕިއަންޝިޕް 2025/2026'' މުބާރާތް ފަށަން ތާވަލުކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި މުބާރާތް ހުޅުވާނީ ހދ.އަތޮޅުގެ ކުޅުދުއްފުށީ ސިޓީ އާއި ނެއްލައިދޫއެވެ.