ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި އިތުރު ތިން މީހެއްގެ ވަނަވަރު، ފުލުހުން އާއްމުކޮށްފި އެވެ.

މި މައްސަލައިގައި މިހާތަނަށް ޖުމްލަ ނުވަ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ވައްކަން ކުރެވުނު ސިނގިރޭޓަކީ މިދިޔަ އޭޕްރީލް މަހު އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ.

Ad
rt

އެންމެ ފަހުން އިއްޔެ ހައްޔަރުކުރި ތިން މީހުންނަކީ ހދ. ވައިކަރަދޫ، ނޫރަލީގެ، 42 އަހަރުގެ އަހުމަދު ޝަހީމް އާއި، ހ. ރުމޭނިއާ، 35 އަހަރުގެ އަހުމަދު ފިރުޝާން އަދި އައްޑޫ ހިތަދޫ، ޗާންދަނީގެ، ހުސެއިން ސާމިހު އެވެ. މި ތިން މީހުންގެ ތެރެއިން ޝަހީމާއި ސާމިހު ތަހުގީގަށް ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި ފިރުޝާން ބަންދުކުރަން އަމުރުކުރީ ފަސް ދުވަހުގެ މުއްދަތަށެވެ.

މި މައްސަލައާ ގުޅިގެން މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންގްސްގެ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މި ދެ ކޮންޓެއިނަރު ވަގަށް ނެގުމަށް ފަންޑުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިގަލީ، 10 ދުވަހުގެ ބަންދަށްފަހު، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އާއްޓޭގެ 15 ދުވަހުގެ ބަންދުގެ މުއްދަތުގެ ތެރޭގައި ތަހުގީގު ކުރިއަށް ދެ އެވެ.

ވައްކަން ކުރެވުނު ސިނގިރޭޓްތަކަކީ ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މީގެ ޖުމްލަ އަދަދަކީ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން އަންދާޒާ ކުރާ ގޮތުގައި މި ސިނގިރޭޓުތަކަށް ދައްކަންޖެހޭ ޑިއުޓީގެ އަގު 122 މިލިއަން ރުފިޔާއަށް އަރާނެ އެވެ.