މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތައް މެދުވެރިކޮށް ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭ ލޯން ސްކީމެއް ތައާރަފުކުރަން ނިންމައިފިއެވެ.

"އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި މި ޚާއްސަ ސްކީމް ތައާރަފުކުރަނީ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިންގެ މަގުފަހިކުރުމުގެ މަގުސަދުގައެވެ.

Ad
rt

އެމްއެމްއޭއިން ބުނެފައިވަނީ މި ސްކީމާ ބެހޭ އުސޫލުތައް އާންމުކުރެވިފައިވާ ކަމަށާއި، ބޭންކުތަކުން އެ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ 10 އިންސައްތަ އާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް މި ހައުސިން ސްކީމަށް ހާއްސަކުރަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މި ސްކީމަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ސްކީމެއް ކަމަށްވާއިރު، މި ސްކީމުގެ ދަށުން ދޫކުރާ ލޯނު ދައްކާ ނިންމުމަށް އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 25 އަހަރު ދުވަސް ކަނޑައަޅާފައިވާއިރު، އެއަށްވުރެ ކުރު މުއްދަތެއް އިޚްތިޔާރުކުރުމުގެ ފުރުސަތު ލޯނު ނަގާ ފަރާތަށް ލިބިގެންވެއެވެ.

މި ސްކީމުގެ މައިގަނޑު އަމާޒަކީ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 3،500 ހައުސިން ޔުނިޓަށް ފައިނޭންސިންގެ ވަސީލަތްތައް ހަމަޖައްސައިދިނުމެވެ. މި މަސައްކަތް ހާސިލުކުރުމަށްޓަކައި އެމްއެމްއޭއިން ވަނީ ފައިނޭންސިން ފޯރުކޮށްދިނުމަށް ދެ މައިގަނޑު ގޮތެއް ކަނޑައަޅާފައެވެ: އެއީ 'ޓައިޕް އޭ / ލީސް އެންޑިން ވިތު އޯނަޝިޕް' އާއި 'ޓައިޕް ބީ / އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން' އެވެ.

ޓައިޕް އޭ: ލީސް އެންޑިން ވިތު އޯނަޝިޕް

މި މޮޑެލް އަކީ ބޭންކުތަކުން ނުވަތަ ސްކީމް ހިންގާ އިދާރާއަކުން ފައިނޭންސްކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކަށް ހާއްސަ ގޮތެކެވެ. މި ލޯނު ދަށުން، އިސްލާމިކް ފައިނޭންސިން އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަހަރެއްގެ މައްޗަށް ފައިދާގެ ގޮތުގައި ނެގޭނީ ލޯނު ޕްރިންސިޕަލްގެ %5 އެވެ. މީގެ މުހިންމު ކަމަކީ، ލޯނާ ގުޅިގެން އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެއެވެ (ނަމަވެސް ކުލީ މުއްދަތަށް ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަން ޖެހިދާނެ). ކުލީގެ މުއްދަތު ނިމި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ނިމުމުން މިލްކުވެރިކަން ލޯނު ނެގި ފަރާތުގެ ނަމަށް ބަދަލުކުރެވޭނެއެވެ.

ޓައިޕް ބީ: އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން

މި ގޮތަކީ ޑިވެލޮޕަރުން ނުވަތަ އިންވެސްޓަރުން ފައިނޭންސްކޮށްގެން ހިންގާ ހައުސިން މަޝްރޫއުތަކުން ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ލޯނު ދޫކުރުމަށް ހާއްސަ ގޮތެކެވެ. މި މޮޑެލްގެ ދަށުން އިސްލާމިކް ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް އަހަރެއްގެ މައްޗަށް ނެގޭނެ އެންމެ ގިނަ ފައިދާގެ މިންވަރަކީ ލޯނުގެ ޕްރިންސިޕަލް އަދަދުގެ %6 އެވެ. ޓައިޕް ބީގެ ދަށުން ގެދޮރު ގަންނަ މީހާ އިންވެސްޓްމަންޓްގެ %5 އިކުއިޓީގެ ގޮތުގައި ހަމަޖައްސަން ޖެހޭނެއެވެ އަދި ލޯނުގެ ދަށުން ގަންނަ ތަން ރަހުނުކުރަން ޖެހޭނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި، މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ގަނެވޭނީ ހަމައެކަނި އެ އޮތޯރިޓީން ހުއްދަދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުންނެވެ. މި ސްކީމަކީ މާލެ ސަރަހައްދުގެ ގޭބިސީތަކަށް ދިމާވެފައިވާ ބޮޑު އިޤްތިޞާދީ އަދި އިޖުތިމާޢީ މައްސަލައަކަށް ހައްލެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްއޭއިން ވާނެކަމަށް ބެލެވެއެވެ.