އިސްރާއީލަކީ އޮކިއުޕައިންގ ބާރެއްގެ ހައިސިއްޔަތުން، ޣައްޒާ ހިމެނޭގޮތަށް ފަލަސްތީނުގެ އެއްވެސް ސަރަހައްދެއްގައި ސިޔާދަތު ހިންގުމުގެ ހައްގެއް ނެތް ކަމަށާއި، ޣައްޒާއަށް އިންސާނިއްޔަތުގެ އެހީ ފޯރުކޮށްދިނުމަށް އެއްވެސް ޝަރުތަކާ ނުލައި މަގުފަހިކޮށްދިނުމުގެ ޒިންމާ އޮތް ކަމަށް ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ބުދަ ދުވަހު ނެރުނު ތަފްސީލީ ރައުޔެއްގައި ނިންމައިފިއެވެ.

މި ރައުޔުގައި ދުނިޔޭގެ އެންމެ މަތީ ކޯޓުން ބާރުއަޅާފައިވަނީ، ޣައްޒާގެ އާބާދީގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ އިސްރާއީލުގެ މައްޗަށް ލާޒިމުވާ ޝަރުތުކުރެވިފައިނުވާ ޒިންމާއެއް ކަމަށެވެ.

Ad
rt

އައި.ސީ.ޖޭގެ ނިންމުމުގައިވާ ގޮތުން، ޖެނީވާ ކޮންވެންޝަންގެ ދަށުން އިސްރާއީލުގެ މައްޗަށް ލާޒިމުވަނީ، ތިންވަނަ ޤައުމުތަކުންނާއި ވަކި ފަރާތަކަށް ނުޖެހޭ އިންސާނިއްޔަތުގެ ޖަމާޢަތްތަކުން، އޭގެ ތެރޭގައި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އާއި ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވާ ޔޫ.އެން އޭޖެންސީ (އަންރުވާ) ހިމެނޭގޮތަށް، ހުށަހަޅާ އެހީގެ ސްކީމްތަކަށް އެއްބަސްވެ، އެކަމަށް މަގުފަހިކޮށްދީ، ޣައްޒާއަށް އެކަށީގެންވާ މިންވަރަށް އެހީ ފޯރުކޮށްދިނުން ކަށަވަރުކުރުމެވެ.

ކޯޓުން ފާހަގަކުރި ގޮތުގައި ޣައްޒާގެ އާބާދީއަށް މިހާރު ފޯރުކޮށްދެވިފައިވަނީ ހަތަރުވަނަ ޖެނީވާ ކޮންވެންޝަންގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނައިގައި "އެކަށީގެންނުވާ" މިންވަރަކަށް އެހީތެރިކަމެވެ. އެހެންކަމުން، އިސްރާއީލުން އިންސާނިއްޔަތުގެ އެހީގެ މަސައްކަތްތަކަށް ހުއްދަދީ، އެހީތެރިވާންޖެހޭނެއެވެ.

އައި.ސީ.ޖޭއިން ބުނި ގޮތުގައި، 2023 އޮކްޓޯބަރު 7 ގެ ހާދިސާތަކަށްފަހު، އިސްރާއީލުން އެހީ ވެއްދުމަށް ގަދައަޅައި ހުރަސްއަޅައި، މި އަހަރުގެ މާރިޗު 2 އިން ފެށިގެން އިންސާނިއްޔަތުގެ އަދި ޞިއްޙީ އެހީ ފޯރުކޮށްދިނުން ވެސް ހުއްޓުވާލާފައިވެއެވެ. އަދި މޭ 19 އިން ފެށިގެން ވަރަށް މަދު މިންވަރަކަށް އެހީ ފޯރުކޮށްދިނުމަށް ހުއްދަދީފައިވާ ކަމަށް ވެސް ކޯޓުން ފާހަގަކުރިއެވެ.

މީގެ އިތުރުން، އަންރުވާގެ މުވައްޒަފުން ހަތިޔާރު އުފުލާ ޖަމާޢަތްތަކާ ގުޅިފައިވާކަމަށް އިސްރާއީލުން ދެއްކި ވާހަކަތައް ބައިނަލްއަގްވާމީ ކޯޓުން ވަނީ ބަލައިނުގަނެފައެވެ. ކޯޓުން ބުނެފައިވަނީ، އަންރުވާގެ މުވައްޒަފުންގެ ތެރެއިން ގިނަ ބައެއް ހަމާސްގެ މެންބަރުންކަމަށް ނުވަތަ އިސްރާއީލުން ކިޔާ 'އެހެނިހެން ޓެރަރިސްޓް ޖަމާޢަތްތަކުގެ' މެންބަރުންކަމަށް އިސްރާއީލަށް ސާބިތުކޮށްދެވިފައެއް ނުވާކަމަށެވެ. އަދި އަންރުވާއިން އެހީ ބެހުމުގައި ޤައުމިއްޔަތު، ނަސްލު، ދީން، ނުވަތަ ސިޔާސީ ވިސްނުމުގެ މައްޗަށް ބިނާކޮށް ތަފާތުކުރުމެއް ގެންގުޅޭކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ވެސް ކޯޓުން ދެކެއެވެ.

"އޮކިއުޕައިކޮށްފައިވާ ސަރަޙައްދެއްގައި ހުރިހާ އިންސާނިއްޔަތުގެ ޙަރަކާތްތަކެއް އާންމުކޮށް ހުއްޓުވާލުމަށް ސަލާމަތީ ސަބަބުތައް ދެއްކުމުގެ ފުރުޞަތު އޮކިއުޕައިންގ ބާރަކަށް އެއްވެސް ހާލެއްގައި ނޯންނާނެއެވެ،" ކޯޓުން ބުނެފައިވެއެވެ. އަދި އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ އިސްރާއީލުގެ ޒިންމާއަކީ "ޝަރުތުކުރެވިފައިނުވާ" ޒިންމާއެއްކަން ކޯޓުން އަލުން ބަޔާންކުރިއެވެ.

ކޯޓުން އަލުން ކަށަވަރުކޮށްދީފައިވަނީ އޮކިއުޕޭޝަންގެ ޤާނޫނު ހިނގާނީ ހަނގުރާމައިގެ ޙާލަތުގައި ހިނގާ ބައިނަލްއަޤްވާމީ އިންސާނިއްޔަތުގެ ޤާނޫނާ އެކުގައި ކަމަށާއި، އިސްރާއީލުން މި ދެބައި ޒިންމާތަކަށް ވެސް ތަބާވާންޖެހޭނެ ކަމަށެވެ.

ކޯޓުގެ ރައުޔު އަމާޒުކުރެވިފައިވަނީ އިސްރާއީލުގެ ޤާނޫނީ ޒިންމާތައް ދެނެގަތުމަށް ކަމަށާއި، އެއްވެސް ޚިލާފުވުމެއްގެ ނަތީޖާ ކަނޑައެޅުމަށް ނޫންކަމަށް ފާހަގަކުރުމާއެކު، ކޯޓުން ބާރުއަޅާފައިވަނީ އޮކިއުޕައިކޮށްފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްތީނުންގެ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކޮށް، ރައްކާތެރިކޮށް، އަދި ފުރިހަމަކޮށްދިނުމަށް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އިސްރާއީލަށް އޮތް ޒިންމާ ދެމިއޮތްކަމަށެވެ.

"އިސްރާއީލަކީ އޮކިއުޕައިންގ ބާރެއްގެ ހައިސިއްޔަތުން، އޮކިއުޕައިކޮށްފައިވާ ފަލަސްތީނު ސަރަޙައްދުގެ އެއްވެސް ބައެއްގައި، އޭގެ ތެރޭގައި އިރުމަތީ ޖެރޫސަލަމް ހިމެނޭގޮތަށް، ސިޔާދަތު ލިބިގެންވާ ނުވަތަ ސިޔާދަތުގެ ބާރުތައް ހިންގުމުގެ ޙައްޤު ލިބިގެންވާ ފަރާތެއް ނޫނެވެ،" ކޯޓުން ބުނެފައިވެއެވެ.