ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ސްޓިކްސް މިއަދު ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލާފައިވަނީ ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

Ad
rt

ކަސްޓަމްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ނައްތާލެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ 3,183,040 (ތިން މިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ސާޅީސް) ސިނގިރޭޓް ސްޓިކްސްއެވެ. މިއީ ޖުމްލަ 199 ކޭސް ސިނގިރޭޓެވެ.

ކަސްޓަމްސް އިން އަތުލި ސިނގިރޭޓްތަކެއް ނައްތާލަނީ، ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްއިން ހާމަކުރެއްވި ގޮތުގައި މި ތަކެއްޗަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައި ފާސްކުރުމުގެ ތެރެއިން ހޯދިފައިވާ ތަކެއްޗެވެ.

ފާއިތުވި އަހަރުތަކުގައި ސަރުކާރުން ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ މަތިކުރުމާ ގުޅިގެން، ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިކަމާ ގުޅިގެން ކަސްޓަމްސްއިން ވަނީ ބަނދަރުތަކުގައި ސެކިއުރިޓީ ހަރުދަނާކޮށް، ބަލައި ފާސްކުރުންތައް އިތުރުކޮށްފައެވެ.

ކަސްޓަމްސްއިން އިތުރަށް ބުނެފައިވާ ގޮތުގައި މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އެ އިދާރާއިން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.