ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފެށުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދެވޭ މި ޕްރޮގްރާމަކީ ވާލްޑު ބޭންކުގެ އެހީގައި ހިންގޭ "ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ad
rt

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ 24 އަހަރުން ދަށުގެ، މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ 5 ޒުވާނުންނަށެވެ.

މި ޕްރޮގްރާމުގައި މަސްވެރިކަމާ ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ބައިވެރިވެ، ކެޔޮޅުންގެ އަތުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

މި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖެނަވަރީ މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ދުވަހު އެލަވަންސެއް ލިބޭނެކަން ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް ވުޒާރާއިން ވަނީ އިޢުލާނުކޮށްފައެވެ.