ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "ޕިންކް ރިބަން ރަން-ވޯކް" މިއަހަރު ރާއްޖޭގެ 33 ރަށަކާއި 3 ރިސޯޓެއްގައި ބާއްވައިފިއެވެ.
މި ހަރަކާތަކީ 2016 ވަނަ އަހަރުން ފެށިގެން އަހަރީ ގޮތެއްގައި ބާއްވަމުން އަންނަ ހަރަކާތެކެވެ.
މި އަހަރުގެ މައި އިވެންޓް ބޭއްވުނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އަދި މީގެ އިތުރުން އެހެން 32 ރަށަކާއި 3 ރިސޯޓެއްގައިވެސް މި ހަރަކާތް ކުރިއަށް ގެންގޮސްފައިވެއެވެ.
ޕިންކް ރިބަން ރަން-ވޯކްގެ މައިގަނޑު މަޤްޞަދަކީ އުރަމަތީގެ ކެންސަރާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމެވެ. މި ހަރަކާތުގެ ތެރެއިން އުރަމަތީގެ ކެންސަރު ދެނެގަތުމާއި، ސްކްރީނިންގ އަދި ފަރުވާގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެއެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ސައިކޯސޯޝަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ކެންސަރާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ހިންގަމުން ގެންދެއެވެ.
މި ފަދަ ހަރަކާތްތަކުގެ ސަބަބުން އުރަމަތީގެ ކެންސަރާ ގުޅޭ ހޭލުންތެރިކަން އިތުރުވެ، ކެންސަރު ބަލީގެ ސްކްރީނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!