ށ. ފޭދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

ސަރުކާރުން މި ދެ މަޝްރޫޢު ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޭދޫ އަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

Ad
rt

އެގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

މި އެއްބަސްވުމުގެ ދަށުން ފޭދޫ ގޮނޑުދޮށް ހިމާޔާތްކުރުމަށް، އެ ރަށުގެ ގިރާ ސަރަޙައްދު އިއާދަކޮށް، ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 320 މީޓަރުގެ ރިވެޓްމަންޓް ޖަހައި، 340 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭހެން ސަރުކާރުން މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 25.1 މިލިއަން ރުފިޔާއަށް، 5 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން ފޭދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގެ ދަށުން އެ ރަށު މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު އަކީ 116.9 މިލިޔަން ރުފިޔާއަށް، 1 އަހަރާ 7 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށް ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.