ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެއްވެސް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތެއް ނޯންނާނެކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރު ދީ އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބުނެ އެމްޑީޕީގެ ޒުވާން އެކްޓިވިސްޓު އައިޝަތު ޝިމަން އަހުމަދުގެ ފޯނު ވަނީ މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
އެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން "ޝިމަންގެ ފޯނު" ގެ ނަމުގައި އެކްސްގައި އެކައުންޓެއް ހަދައި، އޭނާގެ ފޮޓޯއެއް ވަނީ އާންމުކޮށްފައެވެ. ޝިމަން ތުހުމަތުކުރާގޮތުގައި އެ ފޮޓޯ ލީކުކޮށްލީ ފުލުހުންނެވެ. އެއީ އޭނާގެ ފޯނުގައި ނޫނީ ނީންނާނެ ފޮޓޯއެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ފުލުހުންގެ މި ތުހުމަތަށްފަހު ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދާ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކަމަށެވެ. އަދި މި އުސޫލުތަކުގެ ތެރެއިން ހެއްކާއި، ޑިޖިޓަލް ވަސީލަތްތަކުގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެއްވެސް މޯބައިލް ފޯނަކުން އެއްވެސް މައުލޫމާތެއް ލީކުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ފުލުހުން ބުންޏެވެ.
"ވީމާ ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެކެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ އެ އިދާރާއިން ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާ އެކު ގާނޫނީ ހަމަތަކުގެ މަތިން ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ. އަދި އެ އިދާރާގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދު ވެސް އިސްކަންދެވޭ ކަންކަންކަމަށް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!