ހުޅުމާލޭގައި މީހަކު ރަހީނުކޮށް، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި ފައިސާ އަތުލިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ގދ. ނަޑެއްލާ / ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު (27އ) އެވެ.

Ad
rt

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 4 ވަނަ ދުވަހު ހުޅުމާލެއިން ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ގެއެއްގައެވެ. އެގޮތުން މީހަކު ރަހީނުކުރުމަށްފަހު، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި، މާރާމާރީ ހިންގައި، އަނިޔާކޮށް، އެ މީހާ ބަރަހަނާކޮށް، ފޮޓޯއާއި ވީޑިއޯ ނަގައި، ފޯނާއި ފައިސާ އަތުލައިގެން ގެންގޮސްފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. އަދި އޭގެ ފަހުންވެސް އިތުރު ފައިސާ ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ތެރެއިން ޝަހުމީން ރަޝީދު ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ. އަދި މުޙައްމަދު ޟަމީރު 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.