ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭސް ހޯދުމާއި އިދާރީ ހިންގުން ފަސޭހަކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާ ސީދާ މުޢާމަލާތްކުރެވޭނެ އިންތިޒާމެއް އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯދުމަށް ޚާއްޞަ ސަރުކާރު ކުންފުންޏެއް އުފައްދަވާފައިވާ ކަމަށެވެ. އަދި މި ކުންފުނި ފުރިހަމަވަމުންދާ ވަރަކަށް މި މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު ޢަމަލުކުރަމުންދާ ގޮތުން، ރީޖަނަލް ނުވަތަ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށް ބޭސް ފޯރުކޮށްދެމުންދާ ކަމަށާއި، ވަޒީފާގެ ކަންކަން ވެސް ބަލަހައްޓަމުން ގެންދަނީ މި ގޮތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް، މި އުސޫލު ނިމުމަކަށް ގެނެސް، ކޮންމެ ޞިއްޞިއްޙީ މަރުކަޒަކަށް ވެސް ސީދާ ޞިއްޙަތާބެހޭ ވުޒާރާއާ މުޢާމަލާތްކުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މާލީ ކަންކަމުގައި މާލިއްޔަތާބެހޭ ވުޒާރާއާ އަދި ބޭހޭހާ ގުޅޭ ކަންކަމުގައި އެސް.ޓީ.އޯ.އާ ސީދާ މުޢާމަލާތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ނިޒާމު ތަންފީޒުކުރުމަށްޓަކައި ސޮފްޓްވެއަރ ތައްޔާރުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުން ފަދަ ގިނަ ކަންކަމެއް ކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ހުރިހާ ކަމެއް މި އަހަރު ތެރޭގައި ނިމި، އާ އަހަރުގެ ބަޖެޓު ތަންފީޒުކުރަން ފަށާއިރު، އާ ނިޒާމު ތަޢާރަފުކުރެވޭނެ ކަމަށެވެ. މި ނިޒާމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކަށް ވަކި މުއައްސަސާތަކެއްގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ސީދާ މުޢާމަލާތްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ނިޒާމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބި، މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ. މެދުވެރިންގެ ދައުރު ނެތިގެންގޮސް، ސީދާ މުޢާމަލާތްކުރެވޭނެ. މީގެ ސަބަބުން ބޭސް ހޯދުމާއި، ވަޒީފާތައް އެޕްރޫވްކުރުމާއި، އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި އައު ނިޒާމަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާކުރާނެ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!