މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި، ފަޚުރުވެރި ޚިދުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޢުވާމީ މުދައްރިސުންގެ ދުވަހާއި ގުޅިގެން، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ، މި ޤައުމުގެ ދިދަ މާދަމާ އުފުލާނެ ޢަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅު ކުދީން މިއަދު އެތިބީ މަދަރުސާތަކުގައި ކަމަށެވެ. އަދި ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތުވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތަޢުލީމަކާއި އޯގާތެރިކަމަކުން ކަމަށާއި، އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައިކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގެ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.

''ދިވެހި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭކަމުގެ ޔަގީންކަން އަރުވަމުން، މި އުފާވެރި ދުވަހުގެ ތަހުނިޔާ މުދައްރިސުންނަށް އަރިސްކުރަން.'' ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި އިތުރައްވަނީ، ކޮންމެ އެދުރެއްގެ ޢާއިލާތަކަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

ދުނިޔޭގެ މުދައްރިސުންގެ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ މުދައްރިސުންގެ މަސައްކަތް ފާހަގަކުރުމަށްޓަކައި ކި ކޮންމެ އަހަރެއްގެ އޮކްޓޯބަރ 5 ވަނަ ދުވަހު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ދުވަހެކެވެ.