އިޒްރޭލުގެ ނޭވީން ފްލޮޓިއްލާގެ އުޅަނދުތަކަށް ޖެއްސުންކޮށް، ސައިބަރ ހަމަލާއެއް ދީގެން ކޮމިއުނިކޭޝަން ކަނޑުވާލިކަމަށް އެކްޓިވިސްޓުން ބުނެފިއެވެ.
މި ހާދިސާގައި ފްލޮޓިއްލާގެ ދެ އުޅަނދަކަށް އިޒްރޭލުގެ ނޭވީން ޖެއްސުންކޮށްފައިވާ ކަމަށް ވެއެވެ.
ތުރުކީގެ ނިއުސް އެޖެންސީ ''އަނަދޮލުއާ'' ވާހަކަދެއްކި އެކްޓިވިސްޓް ޒައިނަލް އަބިދީން އޯޒްކާން ބުނި ގޮތުގައި، ރޭގަނޑު އެމީހުންގެ އުޅަނދުތަކުގެ މަތިން ޑްރޯންތައް ވަރަށް ގިނައިން އުދުހެމުން ދިޔައެވެ. އަދި ފަތިހު 5:00 އާ ހިސާބުގައި، ފްލޮޓިއްލާގެ ބައެއް ނޫން ދެ އުޅަނދު އެމީހުންނާ ގާތްކޮށް، އެމީހުންގެ މައި އުޅަނދު "އަލްމާ" ގެ ޖީޕީއެސް އަދި އިންޓަނެޓް ޑޭޓާބޭސްއަށް ސައިބަރ ހަމަލާއެއް ދީފައިވެއެވެ.
"މިއީ އަހަރުމެން މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެއް ހާސްކުރުމުގެ އަމަލު. އެމީހުން މަސައްކަތްކުރީ އަހަރުމެން ބިރުގަންނަވަން، ނަމަވެސް އަހަރުމެން ބިރުނުގަންނާނެ، އަދި ބިރުނުގަންނާނެކަން އެމީހުންނަށް އަންގާފައިވާނެ،" އަލްމާގައި ހުރި ތުރުކީގެ އެކްޓިވިސްޓް މެތޭހާން ސާރީ ބުންޏެވެ.
ފްލޮޓިއްލާގެ އަނެއް އުޅަނދު "ސީރިއަސް" އަށް ވެސް އިޒްރޭލުގެ ނޭވީން ޖެއްސުންކޮށްފައިވެއެވެ. އެ އުޅަނދުގައި ހުރި ލިސީ ޕްރޮއެންކާ ބުނި ގޮތުގައި އިޒްރޭލުގެ އުޅަނދު އަލްމާ ދޫކޮށް ދިއުމަށް ފަހު، ސީރިއަސްއާ ގާތްކޮށް އޭގެ ކުރިމައްޗަށް އައިސް، 15 މިނިޓު ވަންދެން އޭގެ ވަށައިގެން ދުއްވިއެވެ. އަދި އެ ވަގުތު އެ އުޅަނދުގެ ކޮމިއުނިކޭޝަން ވެސް ހުއްޓުވާލިއެވެ.
މި ހާދިސާއާ ގުޅިގެން އުޅަނދުތަކުގައި ތިބި މީހުންނަށް ނުތަނަވަސްކަން އިހުސާސްވެ، ކްރޫގެ ބައެއް މެންބަރުން ބިރުގެންފައިވާ ކަމަށް ޕްރޮއެންކާ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ވަކި ހިސާބަކުން ކްރޫގެ މެންބަރުން ބޭރަށް ނިކުމެ އެމީހުންނަކީ ހަތިޔާރުނެތް ބައެއްކަން އިޒްރޭލުގެ ނޭވީއަށް ދައްކާލިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!