އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ބެލުމަށް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ރަށު ފުލުސް ސްޓޭޝަން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

Ad
rt

ފުލުހުން އިތުރަށް ބުނެފައިވަނީ މި ވީޑިއޯ ދައުރުކުރުމަކީ މި ޢަމަލުގެ ސަބަބުން ވިކްޓިމައިޒް ވެފައިވާ ކުއްޖާ އަލުން ވިކްޓިމައިޒް ވެ، ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން މި ވީޑިއޯ އިތުރަށް ޝެއަރކޮށް ދައުރު ނުކުރުމަށް ޢާންމުންނަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އަޕަރ ނޯތު ޕޮލިސް ސަރަޙައްދުގައި ހިމެނޭ ރަށެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަނީ ފަޅު ގެއެއްގެ ތެރޭގައި ހުރި ކުޑަ ކުއްޖަކަށް ބަޔަކު އަނިޔާކުރާ މަންޒަރެވެ. ފިރިހެން ކުއްޖަކު ގޮށްމުށުން ކުއްޖާގެ ބޮލުގައި އެކި ފަހަރު މަތިން ޖަހާ މަންޒަރު ވީޑިއޯއިން ފެންނައިރު، ކުއްޖާގެ ގައިގައި ފައިން ޖަހައި، ބިންމައްޗަށް ވައްޓާލާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.