ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހު އަރީފް (36 އަހަރު) ގެ ޖަނާޒާގެ ކަންތައް މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ ގޯލްކީޕަރެއް ކަމަށްވާ އިފްރާހު ނިޔާވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައި ފަރުވާ ދެމުންދަނިކޮށެވެ.

Ad
rt

އޭނާގެ ސިކުނޑިއަށް އެޅުނު ލޭ ސާފުކުރުމުގެ މަސައްކަތް ކުރެވުނު ނަމަވެސް، އެކަން ފުރިހަމައަށް ކާމިޔާބު ނުވުމާ ގުޅިގެން ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި އިންޑިއުސްޑް ކޯމާއެއްގައި ބޭއްވުމަށްފަހު، ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

މައްޔިތާއަށް ޒިޔާރަތްކުރުން މިއަދު ހެނދުނު 10:30 ގެ ނިޔަލަށް މއ. އާސަހަރާގައި ކުރިއަށްދާނެ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ. ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އެއަށްފަހު ވަޅުލުމަށް ހަމަޖެހިފައިވަނީ އާސަހަރާގައެވެ.

ކްލަބް ވެލެންސިއާއިން ފުޓުބޯޅަ ކެރިއަރު ފެށި އިފްރާހަކީ ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އޭގެއިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް އަދާކޮށްފައިވާ އޭނާ ވަނީ މާޒިޔާ، ނިއު ރޭޑިއަންޓް، ވިކްޓްރީ، ބީޖީ ސްޕޯޓްސް އަދި ޓީސީ ސްޕޯޓްސްއަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

نَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎،

މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! ކަށްވަޅުގައި މައްޔިތާ ބޭއްވުމަށްފަހު ވަގުތުކޮޅެއް ވަންދެން އެމައްޔިތާއަށް ސާބިތުކަން ދެއްވުމަށް އެދި ދުޢާކުރުމަށް މާތް ނަބިއްޔާ ﷺ ވަނީ އުންމަތަށް އިރުޝާދު ދެއްވާފައެވެ. މާތް ﷲ ގެ އަޅުތަކުންނޭވެ! މާތް ﷲ އަށް ބިރުވެތިވެ ތަޤުވާވެރިވާށެވެ. ކޮންމެ މަރަކީ ދިރިތިބީންނަށް އިބުރަތެކެވެ. އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ﷲ ގެ ޙަޟްރަތަށް ރުޖޫޢަވާން ޖެހޭނެކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާ ނުލާށެވެ.