ހަތް އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން "ފަން ރަން އާޓް ކޮންޓެސްޓް" ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.
މި މުބާރާތަކީ އުރީދޫގެ ޑިޒައިން ޓީމް މިވަގުތު ކުޑަ ބްރޭކެއްގައި ތިބުމުން، އެންމެ ތުއްތު އާޓިސްޓުންނަށް ކްރިއޭޓިވް ސްޓޫޑިއޯ ހަވާލުކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ކުދިން ފަން ރަންއާ ގުޅޭ އާޓްވޯކެއް ތައްޔާރުކޮށް، އޭގެ ސާފު ފޮޓޯއެއް ނުވަތަ ސްކޭނެއް 27 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ކުރިން marketing.communications@ooredoo.mv އަށް ފޮނުވަން ޖެހޭނެއެވެ.
ހުށަހަޅާއިރު ކުއްޖާގެ ފުރަތަމަ ނަމާއި އުމުރު އަދި ބެލެނިވެރިޔާގެ ނަމާއި ގުޅޭނެ ނަންބަރު ހިމަނަންވާނެއެވެ.
"އަހަރެމެންގެ ކްރިއޭޓިވް ޓީމް ޗުއްޓީގައި ތިބޭއިރު، މި ކޮންޓެސްޓްގެ ސަބަބުން ތުއްތު ކުދިންގެ ހިތްގައިމު ކުރެހުންތަކުން ފަން ރަން ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާނަން. ފަން ރަން އަކީ ކޮމިއުނިޓީ ސްޕިރިޓާއި އުފާވެރިކަން ދައްކުވައިދޭ ރަންއެއް، އަދި މިކަން ދައްކުވައިދިނުމަށް އަޅުގަނޑުމެންގެ ކުޑަކުޑަ އާޓިސްޓުންނަށް ވުރެ ރަނގަޅަށް އެހެން މީހަކު ނުފެންނާނެ."
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވި އެވެ.
މުބާރާތަށް ހުށަހެޅޭ ކުރެހުންތައް އުރީދޫގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކުރެވޭނެއެވެ. އަދި އެންމެ ގިނަ ލައިކްސް ލިބޭ ފަސް ކުރެހުން ހުށަހެޅި ކުދިންނަށް ފަން ކިޓް އިނާމުގެ ގޮތުގައި ދެވޭނެއެވެ.
ނަމަވެސް ކޮންމެ ކުއްޖަކަށްވެސް ހުށަހެޅޭނީ އެންމެ އެންޓްރީއެއް ކަމަށާއި، ހުރިހާ ކުރެހުމެއްވެސް ހުންނަންވާނީ ކޮމިއުނިޓީ ސްޓޭންޑަޑްތަކާ އެއްގޮތަށްކަން އުރީދޫއިން ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!