ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިއަދު ކުރިއަށްގެންދިޔަ ޤައުމީ ފެންވަރުގެ އޮޕަރޭޝަންގައި 463 ތަނެއް ބަލާފާސްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށްގެންދިޔަ މި ބޮޑު ރެއިޑުގައި ޖުމްލަ 932 ބިދޭސީން ޗެކްކޮށްފައި ވެއެވެ. އަދި މީގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 81 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން އިތުރަށް ފާހަގަކުރިގޮތުގައި، މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިޔަކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މަޢުލޫމާތު ވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައެވެ.
ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި ދެކޮޅަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް
މި އޮޕަރޭޝަނަކީ ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނާއި، ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެކެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެތައް އަހަރެއް ވަންދެން ދިވެހި މުޖުތަމަޢުގައި ދިމާވަމުން އަންނަ ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކި ފަހަރު މަތިން އެކި ކަހަލަ އޮޕަރޭޝަންތައް ހިންގަމުން އަންނަ ކަމަށް އިމިގްރޭޝަނުން ފާހަގަކުރެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފަށާނެކަަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރެއްވީ 20 ސެޕްޓެމްބަރު 2025 ގައި ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!