ރާއްޖޭގެ 40 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރަސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހަތް އާރބަން ސެންޓަރުގެ ތެރެއިން މިހާރު ޑޮލަރު އޭޓީއެމް ނެތް ސަރަހައްދުތަކާއި، ޑޮލަރު އޭޓީއެމް ނެތް ސިޓީތަކުގެ އިތުރުން ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތައް ތަރުތީބުން ހިމަނައިގެން، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބީއެމްއެލްއަށް ވަނީ އަންގަވާފަވެއެވެ. މި މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ވިދާޅުވިގޮތުގައި މީގެއިތުރުން، ބީއެމްއެލްގެ އަހަރީ ދުވަސްކަމަށްވާ މިއަހަރުގެ ނޮވެންބަރު 11 އިން ފެށިގެން، ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1,000 ޑޮލަރަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމާއި ރާއްޖެއިން ބޭރުގެ ހޮޓާތަކަށް ފައިސާ ދެއްކޭ އަދަދު 3,000 ޑޮލަރަށް އިތުރުކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ހާމަކުރެއްވި ގޮތުގައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް، ބޭންކުގައި އެދުމުން ހޮސްޕިޓަލްތަކަށް ޑެބިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ޗައިނާގެ ފައިސާ ޔުއާންގެ އެކައުންޓް ހުޅުވުމުގެ ޚިދުމަތްވެސް ބީއެމްއެލްއިން މިހާރު ތަޢާރަފުކޮށްފައިވުމާއެކު، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޗައިނާގެ ފައިސާގެ އެކައުންޓްތަކަށް ޚާއްޞަ، އަދި 180 އަށްވުރެ ގިނަ ޤައުމުގައި ބޭނުންކުރެވޭ ޔޫނިއަން ޕޭގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ތަޢާރަފުކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި ބަދަލުތަކުގެ ސަބަބުން އަގުބޮޑުކޮށް ޑޮލަރު ގަތުމުގެ މައްސަލައަށް ހައްލު ލިބި، ރާއްޖޭގެ އިޤްތިޞާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!