ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެ ޑިޖިޓަލް ދާއިރާއިން ކުރިއެރުވުމަށްޓަކައި މުހިންމު ފިޔަވަޅެއްގެ ގޮތުން، "ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް" އެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ޢާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މި ކައުންސިލް އުފައްދާފައިވަނީ، ރާއްޖެއަކީ "ޑިޖިޓަލް-ފަސްޓް ނޭޝަން" އަކަށް ހެދުމުގެ ޤައުމީ ތަސައްވުރު، "މޯލްޑިވްސް 2.0" ޙަޤީޤަތަކަށް ހެދުމަށްޓަކައެވެ.
މި ކައުންސިލް އުފައްދާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ.
މި ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ، "މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން" ތަސައްވުރު ޤާއިމުކުރެއްވުމާ ގުޅޭގޮތުން ތައްޔާރުކުރައްވާފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ފަހިކޮށްދެއްވައި، އެކަމާ ގުޅޭގޮތުން ލަފާދެއްވައި، އަދި އެ މަސައްކަތްތައް ބެލެހެއްޓެވުމެވެ.
މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
"މޯލްޑިވްސް 2.0" އަކީ، ޑިޖިޓަލް ދާއިރާއިން، ދިވެހިރާއްޖެއަށް އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކެއް ގެނައުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕުރޮގުރާމެކެވެ. މި ބަދަލުތަކުގެ ތެރެއިން، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ޚިދުމަތްތަކަކަށް ހެދިގެންދާނެއެވެ. މީގެ އިތުރުން، ދައުލަތުގެ ޚިދުމަތްތަކާއި މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރެވިގެންދާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!