ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުބީ ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރިޔާސީ އިންތިޚާބުގައި ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދަކީ ވައިގެ ބަނދަރެއް ޤާއިމުކޮށްދެއްވުން ކަމަށް ފާހަގަކުރައްވަމުން، "އެއަރޕޯޓު މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކުމަށް އިރުޝާދު ދެއްވާފައިވާނެ" ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުން
ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ ރަށެއްގެ ގޮތުގައި ފާހަގަކުރައްވަމުން، ރަށުގެ ނަރުދަމާގެ މަސައްކަތް މާދަމާ ފެށޭނެ ކަމަށާއި، 24 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރު ތެރޭގައި ފެނުގެ ވިއުގަ ޤާއިމުކުރެވޭނެ ކަމަށާއި، މި ދެ މަސައްކަތް ނިމެމުންދާ މިންވަރަކުން މަގުހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
އިތުރު ތަރައްޤީގެ މަޝްރޫޢުތައް
ނިލަންދޫގައި ޤާއިމުކުރާ ދަޅުބަންދުކުރާ ކާރުޚާނާގެ އިންޖިނިއަރިންގ، ޕްރޮކިއޮމަންޓް އަދި ކޮންސްޓްރަކްޝަން ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާ ކަމަށާއި، އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން އެސް.ޓީ.އޯގެ ފިއުލް ސްކިޑް ބެހެއްޓުމުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، 200 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢާއި، 50 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫޢު ކުރިއަށްދާ ކަމަށާއި، ސްޕޯޓްސް ކޮމްޕްލެކްސްއާއި އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަހަރަށް ތާވަލުކުރެވިފައިވާ ކަމަށްވެސް ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!