މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" މެދުވެރިކޮށް 2024 ވަނަ އަހަރުގެ ނިޔަލަށް 23 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ.

އެމްއެމްއޭއިން ނެރެފައިވާ 2024 ވަނަ އަހަރުގެ ޕޭމަންޓް ބުލެޓިންގައިވާ ގޮތުން، އަހަރުގެ ފަހު ކުއާޓަރުގައި ފަވަރަގެ ހިދުމަތް ތައާރަފްކުރި ފަހުން، އަހަރުގެ ނިޔަލަށް ޖުމްލަ 7.7 މިލިއަން މުއާމަލާތް ހިންގާފައިވާއިރު، މި މުއާމަލާތްތަކުގެ ޖުމްލަ އަގު 23.7 ބިލިއަން ރުފިޔާއަށް އަރައެވެ.

Ad
rt

ފަވަރަ ރިކުއެސްޓް މެދުވެރިކޮށް، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާއަށް އެދި ރިކުއެސްޓު ފޮނުވުމުގެ ފުރުސަތު ލިބޭއިރު، އޮޅިގެން ގޯސް އެކައުންޓަކަށް ފައިސާ ފޮނުވޭ ހާލަތްތަކުގައި "ފަވަރަ ރިކޯލް" ގެ ހިދުމަތް ވެސް ލިބެއެވެ. މިގޮތުން މިދިޔަ އަހަރު 304 މުއާމަލާތުން އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ރިކޯލް ކޮށްފައިވެއެވެ.

ފަވަރަގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މުއާމަލާތްތަކުގެ އަދަދު 200،000 ރުފިޔާއަށް އިތުރުކޮށްފައިވާއިރު، ފަވަރަ ރިކުއެސްޓް މެދުވެރިކޮށް 10،000 ރުފިޔާއާ ހަމައަށް ފައިސާ ފޮނުވުމަށް ރިކުއެސްޓް ކުރެވެއެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ފަވަރަ އައިޑީ ތައާރަފްކުރުމާއެކު، ކަސްޓަމަރުންނަށް ފޯނު ނަންބަރު، އީމެއިލް އެޑްރެސް ނުވަތަ އައިޑީ ނަންބަރު މެދުވެރިކޮށް ބޭންކު އެކައުންޓުތަކާ ލިންކު ކުރެވޭގޮތް ވަނީ ހަމަޖައްސާފައެވެ.

މި ހިދުމަތުގައި ރަޖިސްޓްރީ ކުރި މީހުންގެ އަދަދު 80 ޕަސެންޓަށް ވުރެ އިތުރުވެ، 2024 ވަނަ އަހަރު އެކަނި 17،000 އަށް ވުރެ ގިނަ ފަވަރަ އައިޑީ ރަޖިސްޓްރީކޮށްފައިވެއެވެ.