ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް 2025 ގައި، ކުޅުދުއްފުށީގެ ސަޕޯޓަރުންގެ ޖޯޝާއި ރޫހުން މުޅި ކުޅޭ ބިމަށް ވަނީ ހޫނުކަމެއް ގެނެސްދީފައެވެ.

މި މުބާރާތަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ހަރަކާތް ކަމަށް ވުމުން، މި މުބާރާތް ކުޅުދުއްފުށީގައި ހޯސްޓު ކުރަން ލިބުނު ފުރުސަތާއެކު، ރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު މަޤުބޫލުކަމެއް ލިބިފައެވެ.

Ad
rt

މި ސެޕްޓެމްބަރ މަހު 22 އާއި ހަމައަށް ކުރިއަށްދާ މި މުބާރާތުގައި މިހާތަނަށް ދިވެހިރާއްޖޭގެ ހޭންޑްބޯލް ޓީމުން ވަނީ ވާދަވެރިކުޅުމެއް ދައްކައި ލީގު ބުރުގެ 2 މެޗު ކާމިޔާބުކޮށްފައެވެ. އަދި އިއްޔެ ބަންގްލަދޭޝް އާއި ޕާކިސްތާނާއެކު ބައްދަލުކުރި މެޗުން ބަލިވެފައިވީނަމަވެސް، މިރޭ އިންޑިއާ އާއި ދިވެހިރާއްޖެ ބައްދަލުރާ މެޗުން މޮޅުވެ ސެމީ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ.

ކުޅުދުއްފުށީ ޓީމު ދިވެހި ގައުމީ ޓީމަށް ހިތްވަރުދެނީ، ފޮޓޯ: ނަވާޒް

މި މުބާރާތުގައި ބާއްވާ ކޮންމެ މެޗަކަށް ވެސް ގިނަ އަދަދެއްގެ ބެލުންތެރިން ދަނޑަށް ޖަމާވާއިރު، ޚާއްސަކޮށް ރާއްޖޭގެ ޓީމު ކުޅޭ މެޗުތަކުގައި، ދިވެހި ދިދަ ނަގައި، ބެރު ޖަހަމުން، ސަޕޯޓަރުންގެ ފަރާތުން ފެންނަ ހިތްވަރު ދިނުމުގެ އަޑުތަކުން މުޅި ދަނޑު ވަނީ ގުގުމާލާފައެވެ.

މިގޮތުން، ސަޕޯޓަރުންގެ މި ފޯރިގަދަ ތަރުޙީބަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކުޅުންތެރިންވެސް ވަނީ ފާހަގަކޮށްފައެވެ.

ކުޅުދުއްފުށީ ޓީމު ދިވެހި ގައުމީ ޓީމަށް ހިތްވަރުދެނީ، ފޮޓޯ: ނަވާޒް

މިފަދަ ބޮޑު ބައިނަލްއަޤުވާމީ މުބާރާތެއްގައި، ގިނަ ބަޔަކު ސަޕޯޓުކުރަން ތިބުމަކީ، މެޗަށް ނުކުންނަ ކޮންމެ ކުޅުންތެރިއަކަށް ވެސް މެޗަށް ސަމާލުކަން ދީ، އެންމެ ރަނގަޅު ކުޅުމެއް ދެއްކުމަށް އެޅޭ ބާރެކެވެ.

މިއަދު ކުޅުދުއްފުށީ ސަޕޯޓަރުންގެ ކުޅުންތެރިންނަށް މި ދޭ ހިތްވަރަކީ ހަމައެކަނި ރާއްޖޭގެ ޓީމުތަކަށް އެޅޭ ބާރެއް ނޫނެވެ. ބައިނަލްއަޤުވާމީ ޓީމުތަކުގެ ކުޅުންތެރިންނަށް ވެސް މިފަދަ ފޯރިގަދަ މާހައުލެއްގައި ކުޅެން ލިބޭ ތަފާތު ތަޖުރިބާއެކެވެ.