ފެލިދެ އަތޮޅު (ވ.އަތޮޅު) ތިނަދޫގައި އަންނަ މާރިޗުމަހުގެ ކުރިން ޑޮލަރު އޭ.ޓީ.އެމްގެ ޚިދުމަތް ގާއިމުކޮށްދެއްވައި، އެރަށު ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުގެނެސްދެއްވާނެކަމަށް ރައީސް ޑރ، މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ހަތަރު އަތޮޅެއްގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ވ. ތިނަދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
ވ. ތިނަދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި، ރަށުގެ ކައުންސިލުން ވަނީ ރަށުގެ ކަންކަމުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި، ރަށަށް މި ވަގުތު އެންމެ ބޭނުންވެފައިވާ މުހިންމު ކަންކަން ރައީސްގެ ސަމާލުކަމަށް ގެނެސްދީފައެވެ. އަދި އުމްރާނީ ގޮތުންނާއި، ޞިއްޙީ ދާއިރާގެ ކަންކަން ހިމެނޭހެން ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކައުންސިލުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރަށުގެ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ލަފާފުރުމުގެ ދަތިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ތިނަދޫގައި ފަތުރުވެރިކަން ފުޅާވަމުން އަންނަކަން ފާހަގަކުރައްވައި، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ކުރިން ޑޮލަރު އޭ.ޓީ.އެމްގެ ޚިދުމަތްވެސް ތަޢާރަފުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު މިއަދު އެރަށުގެ ރައްޔިތުންނަށް ދެއްވިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ، ވ. ތިނަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އޭ.ޓީ.އެމް ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!