މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް ކުރައްވައިފައިވާ މަތިވެރި ވަޞިއްޔަތެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

"މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ" މި މައުޟޫއަށް މިއަދު ގެނެސްދިން ހުތުބާގައި މުޖުތަމަޢަށް އައިސްފައިވާ ބަދަލުތަކާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލައިފައެވެ.

Ad
rt

ހުތުބާގައި ބުނެފައި ވަނީ، އަހަރެމެންނަކީ ޒަމާނުއްސުރެން މާތް ﷲގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބަޔެއް ކަމަށާއި، އަހަރެމެން އުޅެމުން އައީ ވަރަށް އަމާންކަމާއި ޞުލްޙަވެރިކަމާއި އަޚުވަންތަކަމާއެކުގައިކަމަށެވެ. ނަމަވެސް ފަހުގެ ތާރީޚުގައި އަހަރެމެންގެ މުޖުތަމަޢަށް އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެ އާ މެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރު ކުރާންޖެހިފައިވާ ކަމެއް ކަމުގައި ހުތުބާގައި ފާހަގަކުރިއެވެ.

މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދި އެ ބައިމީހުންނަށް ނުކިޔަމަންތެރިވުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އަދި މުސްކުޅިވީ ދުވަހު އެ ބައިމީހުންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުމަކީ ވެސް އާންމުވަމުންދާ ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ.

މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެއް ކަމަށް ޚުޠުބާގައި ހަނދާންކޮށްދީ، އެކަންވަޞިއްޔަތް ކުރައްވައިފައިވަނީ އެކަމުގެ މަތިވެރިކަމުން ކަމުގައި ބަޔާންކުރިއެވެ. މާތް الله ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ މާނައީ: "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށްހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާ އެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތުނބުން ވީއްލުންވަނީ، ދެ އަހަރުގައެވެ. (ތިމަންރަސްކަލާނގެ أمرކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكرކުރާށެވެ! އެނބުރި رجوعވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ." (ލުޤްމާން: 14) ކީރިތި ޤުރްއާނުގެ ތިން ސޫރަތެއްގައި މި ގޮތަށް ވަޞިއްޔަތްކުރައްވައިފައި ވުމުގެ އިތުރުން އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވައިފައި ވެއެވެ.

މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭކަމެއް ކަމަށާއި، އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެއް ކަމުގައި ވެސް ހުތުބާގައި ބުނެފައި ވެއެވެ. އަދި އެއީ ސުވަރުގެއަށް ވަނުމުގެ ދޮރެއްކަން ފާހަގަކުރައްވައި، މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެއް ކަމަށް ވެސް ހުތުބާގައި ބަޔާންކުރިއެވެ. މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވާނެ ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

މިކަން މިހެން އޮތް ހިނދު، މިކަން ހަނދާންނައްތައިލައި، މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެ މީހުން ހިތުގައި ޖައްސައި، ނުވަތަ އަޅާނުލައި، ދޫކޮށްފައިވަނީ ކިތައް މީހުންތޯ ހުތުބާގައި ސުވާލުކޮށްފައިވެއެވެ. ހޮސްޕިޓަލުތަކުގައްޔާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުސްކުޅި ބަލީގައި އެކަނިވެރި ޙާލުގައި، މަންމަ ނުވަތަ ބައްޕަ ދޫކޮށް، އުފަލުގައި އަނބިދަރީންނާއެކު އުޅެމުންދާ އިންސާނުންނަށް މަރުގެ ވޭންވަރުގެ ތެރެއަށް ވެއްޓޭ ހިނދު، ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމުގެ އިންޒާރު ހުތުބާގައި ދިނެވެ.

ވިސްނުން ބަދަލުކުރުމަށް ގޮވާލައި، ތިބާ ކުޑަކުޑައިރު، ނިދިނަގައިލައި، ތިބާގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި މަސައްކަތްކޮށް، ތިބާއަށް އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީތެރިވުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ. މި އަދު އެ ދެ މީހުން އެ ވަނީ މުސްކުޅިވެ ގައިގެ ބާރު ދެރަވެފައި ކަމަށާއި، ތިބާގެ އޯގާތެރިކަމާއި އެހީތެރިކަމަށް ބޭނުންވެފައިވާ ކަމަށް ވެސް ހުތުބާގައި ފާހަގަކުރިއެވެ.