އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއި، ކަރާމާތް ހިފަހައްޓައި، މުޖުތަމަޢުގެ ތެރޭގައި އެބޭފުޅުންގެ އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށްޓަކައި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ޔުނެސްކެޕް) ގުޅިގެން، "ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް" މިއަދު ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މި މުހިންމު ޕޮލިސީ ލޯންޗުކޮށްދެއްވީ ޔުނައިޓަޑް ނޭޝަންސްގެ ރެސިޑެންޓް ކޯޑިނޭޓަރ މރ. ހާއު ޖަންގ އެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ޕޮލިސީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ ބޭފުޅުންނަށް އުމުރާ އެކަށީގެންވާ ފެންވަރު ރަނގަޅު ޞިއްޙީ އަދި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުން ހިމެނެއެވެ.
މީގެ އިތުރުން، ދިގުމުއްދަތައް ދެމިގެންދާ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ މަގު ތަނަވަސްކޮށްދިނުމާއި، މާލީ ގޮތުން ފުދުންތެރި ބައެއްކަން ކަށަވަރުކުރުމަށްޓަކައި އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، ޕެންޝަންތަކާއި، އިޤްތިޞާދީ ގޮތުން ބައިވެރިވުމުގެ ފުރުޞަތުތައް ހިމެނޭގޮތަށް އާމްދަނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުން ވެސް މި ޕޮލިސީގައި ވަނީ ހިމަނާފައެވެ.
މިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، މި ޕޮލިސީ ތަންފީޒްކުރެވުމުން އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް އިތުރަށް ރައްކާތެރިވެ، ދުޅަހެޔޮ ޞިއްޙަތެއް ކަށަވަރުވެ، މުޖުތަމަޢުގެ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުވެ، އެހެން ބަޔަކަށް ބަރޯސާނުވެ ބާރުވެރި ދިރިއުޅުމެއް އުޅެވޭނެކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވީ، ދުނިޔޭގައި އަދި ރާއްޖޭގައި ވެސް އާބާދީގެ ދޮށީ އުމުރުގެ މީހުންގެ ނިސްބަތް އިތުރުވަމުންދާކަމަށާއި، މި ބަދަލާ އެއްގޮތަށް އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އަހައްމިއްޔަތެވެ. މިގޮތުން، "އިސްރަށްވެހިންގެ ނާދީ" ޤާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މި ތަޞައްވުރުގެ މުހިންމު ބައެއް ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
މި ޕޮލިސީ ލޯންޗުކުރުމަށްފަހު، މި ޕްލޭންގެ ވެލިޑޭޝަން ވޯކްޝޮޕެއް އަންނަ 17 އަދި 18 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯކްޝޮޕްގެ މަޤްޞަދަކީ، ނޭޝަނަލް އެކްޝަން ޕްލޭން އޮން އޭޖިންގް ތަންފީޒުކުރުމުގެ ކުރިން ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް އެންމެފަހުގެ ނިންމުންތައް ނިންމުމެވެ.
މި ޕްލޭންގެ ޑްރާފްޓް ވަނީ މެޑްރިޑް އިންޓަނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގް ފަދަ ބައިނަލްއަގްވާމީ އޮނިގަނޑުތަކާ އެއްގޮތަށް އެކުލަވާލެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!